މާލެއިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
މާލެއިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލެއިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާ އިން ރިޕޯޓްކޮށްފައި ވަނީ މިމަހުގެ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ކުއްޖާގެ ދައްތައަކު ފޭސްބުކްގައި އާންމުކުރި ޕޯސްޓުގައި ބުނީ އެ ކުއްޖާ ގެއިން ބޭރަށް ނިކުތީ އާދިއްތަ ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށާއި އެވަގުތު އޭނާ ލައިގެން ހުރީ ނޫ ކުލައިގެ ޖިންސަކާއި ކަޅު ޓޮޕެއް ކަމަށެވެ.

އެހާއިރު ބޭރަށް ދިޔަ ގޮތަށް އެނބުރި ގެއަށް ގޮސްފައިނުވާތީ ކުއްޖާގެ ރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް އޭނާގެ ދައްތަ ބުނެފައިވެ އެވެ.

ކުއްޖާ ގެއްލިގެން ހޯދާތާ ދެ ދުވަސްވެފައިވާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ، 9463201 (ކުއްޖާގެ ދައްތަ) އަށް ގުޅުމަށް އެދިފައިވެ އެވެ.