ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް، އެސްޓީއޯ އިން ކޮތަޅަށް އަގު ނަގަނީ
ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް، އެސްޓީއޯ އިން ކޮތަޅަށް އަގު ނަގަނީ

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންްވަރު މަދުކުރުމުގެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކޮތަޅު ވިއްކާ ގޮތަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކޮތަޅަށް ޗާޖު ކުރާނެ ކަމަށާއި އެ ކުންފުނިން އެދެނީ ވިޔަފާރިކުރަން އަންނަ އިރު ތިމާވެއްޓާ ރަށްޓެހި، "ޓޯޓް ބޭގް" ފަދަ އަމިއްލަ ކޮތަޅު ގެނައުން ކަމަށެވެ.

އެ ނިންމުމާއެކު އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅު ވިއްކަނީ 2.5 ރުފިޔާ އަށެވެ. އަދި ކަރުދާސް ކޮތަޅެއްގެ އަގު އުޅެނީ ދެ ރުފިޔާ އަށެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން، ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް އެސްޓީއޯ އިން މިދިޔަ އޭޕްރިލް މަހު ވަނީ "ޕްލާސްޓިކް ނޫން ގޮތެއް (ޕީއެންޖީ)" ރިޔޫސެބަލް ކޮތަޅު ހިލޭ ބަހައިފަ އެވެ.

ޕީއެންޖީ ކޮތަޅަކީ އެސްޓީއޯ، ދިރާގު އަދި މޯލްޑިވްސް އޮތެންޓިކް ކްރާފްޓް ކޯޕެރޭޓިވް ސޮސައިޓީ ގުޅިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް އުފެއްދި ކޮތަޅެކެވެ.