12 ޖުލައި 2022 - 06:44

އިގްތިސާދީ ދަތިކަން ބޮޑުވެ ދަރަނިވެފައިވެފައިވާ ސްރީ ލަންކާގައި އާންމުން ނުކުމެ ވެރިން އިސްތިއުފާ ދޭން މަޖުބޫރުކުރުމުން އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އާ ރައީސަކު އިންތިހާބުކުރުން އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މާދަމާ އިސްތިއުފާ ދެއްވާނެކަން ވަނީ ކުރިން އިއުލާނުކުރައްވައިފަ އެވެ. ރައީސްގެ ބޭބޭފުޅު މަހިންދަ މީގެ ކުރިން ވަނީ މުޒާހަރާތަކާ ހެދި ފިއްތުން އިތުރުވެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަހިންދަގެ ދަރިކަލުން ނަމާލް ވަނީ ޔޫތު މިނިސްޓަރުކަމުން ވެސް މީގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.
ސްރީ ލަންކާއަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު ދަތިކަމުގެ ތެރެއަށް ދިޔައީ ދަރަނި ނުދެއްކޭ ހިސާބަށް ގައުމުގެ ހާލަތު ގޯސްވެ ކާނާ އާއި ތެލާއި ގޭހާއި ބޭސް ފަދަ އަސާސީ އެއްޗެހި ވެސް ހުސްވުމުންނެވެ. މިކަމުގެ ތެރޭގައި ރައްޔިތުންނަށް ގޮތް ހުސްވެ އެންމެ ފަހުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސަކު އިންތިހާބުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހުކުރު ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ރައީސަކު އިންތިހާބުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި ކަންކަން، ގާނޫނުއަސާސީގައިވާ ގޮތަށް ކުރިއަށް ގެންދަން، ޕާޓީތަކުގެ ވެރިންގެ ބައްދަލުވުމުގައި ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ވެރިކަންކުރާ ޕާޓީގެ ހުރިހާ ބޭފުޅުން ކެބިނެޓުން އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އަށް ދެއްވާފައިވާ ކަމަށެވެ.
ރަނިލް ވެސް ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ކުރިން އިއުލާނުކުރައްވައިފަ އެވެ.
ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހައި ބޮޑުވަޒީރާއި ރައީސްގެ ރަސްމީ ގެކޮޅާއި އޮފީސްތައް އާންމުންގެ ބާރުގެ ދަށަށް ގެންދިއުމުން ލަންކާ މިހާރު އޮތީ ސިޔާސީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. މިކަންކަން ހިނގީ ލަންކާ އަށް އެހީވާން އައިއެމްއެފުން މަސައްކަތް ފަށާފައި ވަނިކޮށެވެ. އެހެންވެ ސިޔާސީ ގޮތުން އަނެއްކާ ވެސް އުނދަގޫ މަސައްކަތްތަކެއް ކުރަންޖެހުމުން ލަންކާ އަށް އެހީ ލިބުން އިތުރަށް ލަސްވެދާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ރައީސް ގޮޓާބަޔަ ގައުމު ދޫކުރައްވައި ދުބާއީ އަށް ވަޑައިގެންފި ކަމަށް އިއްޔެ އަޑު ފެތުރުނެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވީ ރައީސް ހުންނެވީ މައި އެއާޕޯޓް ކައިރީގައި އޮންނަ ކަޓުނަޔަކަ ވައިގެ މަރުކަޒުގައި ކަމަށެވެ. ރާޖަޕަކްސަ އާއިލާ ދެކެ އާންމުން އައިސްފައިވާ ރުޅީގައި އެ އާއިލާގެ އެއްވެސް ބޭފުޅަކު އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކު ވެސް މި ވަގުތު ގައުމުން ބޭރަށް ވަޑައިގަތުން ހުއްޓުވަން ދަނީ ހުރިހާ ކަމެއް ކުރަމުންނެވެ.