12 ޖުލައި 2022 - 06:11

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާއަށް ލިބުނު ދަރިފުޅު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.
ބާރްތީ ވިހެއީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅެ އެވެ. އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީ، އޭނާގެ ދަރިފުޅު ދައްކާލާފައި ވަނީ ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯއަކީ ދަރިފުޅު، ލަކްޝް ވައްތަރީ ބާރްތީ ނުވަތަ ހާޝްއާތޯ ސުވާލުކޮށް އެ މީހުން ހަދާފައިވާ ވީޑިއޯއެކެވެ.
އެ ވީޑިއޯގައި ކުއްޖާގެ ކޮޓަރި ވެސް ދައްކަ އެވެ. އަދި ކުއްޖާއަށް ތިން މަސް ފުރުމުގެ އުފާ ފާޅުކުރުމަށް ކޭކެއް ފެޅުމަށް އެތަނުގައި ފުއްޕާހަމުން ވަރަށް ރީއްޗަށް ޑެކަރޭޓްކޮށްފައުވާ މަންޒަރު ވެސް ފެނެ އެވެ.
ތިން މަސް ފަހުން، ސަޕޯޓަރުންނަށް ކުއްޖާ ދައްކާލިއިރު ކުރިން އެނގިފައި އޮތީ ލިބުނީ ފިރިހެން ކުއްޖެއްކަން އެކަންޏެވެ. އިތުރު އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެ އެވެ.
ބާރްތީ ވަނީ ވިހައިގެން ދެ ހަފްތާ ނުވަނީސް މަސައްކަތަށް ނިކުމެފަ އެވެ. ބާރްތީ އާއި އޭނާގެ ފިރިމީހާ ދިޔައީ އޭރު ކަލާސް ޓީވީގެ ޝޯއެއް ހޯސްޓްކުރަމުންނެވެ.
ދަރިއަކު ހޯދަން ވަރަށް މަސައްކަތްކޮށްގެން ބާރްތީ އަށް ކުއްޖަކު ލިބުނުއިރު، އޭނާ ވަނީ މީގެ ކުރިން އެކަމާ ވަރަށް އުފަލުން ވާހަކަދައްކައިފަ އެވެ.
އަބަދުވެސް ވަރަށް ފަލަކޮށް ހުންނަ ބާރްތީ، ހިކެން މަސައްކަތް ކުރީ ވެސް ދަރިޔަކު ހޯދުމުގެ ޕްލޭންތަކާ އެކީގަ އެވެ.