ޕާޔަލް އާއި ސަންގްރާމް ކައިވެނިކޮށްފި
ޕާޔަލް އާއި ސަންގްރާމް ކައިވެނިކޮށްފި

އިންޑިއާގެ އެކްޓްރެސް ޕާޔަލް ރޮހާތުގީ އާއި އޭނާގެ ލޯބިވެރިޔާ ސަންގްރާމް ސިންގް ކައިވެނިކޮށްފި އެވެ.

ބާރަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ސަންގްރާމާއި ޕާޔަލް ކައިވެނިކުރީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އާގަރާގަ އެވެ. ގާތް މީހުންނާއި އާއިލާގެ މެމްބަރުން ބައިވެރިވި އެ ހަފްލާ އޮތީ ވަރަށް ކުލަގަދަކޮށެވެ.

ކައިވެނީގެ ހަފްލާގައި ޕާޔަލް، ރަތް ކުލައިގެ ލެހެންގާއެއްގައި ހުރިއިރު ސަންގްރާމް ހުރީ ކްރީމް ކުލައިގެ ޝޭރްވާނީއެއްގަ އެވެ. އިންޑިއާގެ ސަގާފަތާ އެއްގޮތަށް އެމީހުން ކައިވެނިކޮށް، ސޯޝަލް މީޑިއާގައި ވަނީ ކައިވެނީގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.

ކައިވެންޏަށް ފަހު އެމީހުން ވަނީ އާގަރާގައި ހުންނަ ލޯބީގެ ބިނާ، ތާޖް މަހަލްއަށް ވެސް ގޮސްފަ އެވެ.

ޕާޔަލް އެންމެ ފަހުން ފެނުނީ ކަންގަނާ ރަނައުތު ހުށަހެޅި، "ލޮކްއަޕް" އިންނެވެ. ޝޯގެ ދެވަނަ އޭނާ ހޯދިއިރު އެ ޝޯގައި ސަންގްރާމް ވަނީ އެމީހުން ކައިވެނިކުރަން އުޅޭކަން އިއުލާނުކޮށްފަ އެވެ. ސަންގްރާމަކީ ރެސްލިންގެ ދާއިރާގައި އުޅޭ މީހެކެވެ. އެމީހުން އެކުގައި ވަނީ ސްޓާ ޕްލަސް އިން ކުރިން ދެއްކި ޑާންސް ޝޯ، "ނަޗް ބަލިޔޭ" ގައި ވެސް ބައިވެރިވެފަ އެވެ.

ޕާޔަލް އާއި ސަންގްރާމް ދިމާވީ 2011 ގަ އެވެ. އަދި 2014 ގައި އެމީހުން ވަނީ އެންގޭޖްވެފަ އެވެ.