ގުރޫޕް މާރާމާރީއާ ގުޅޭ އެންމެން ހައްޔަރުކޮށްފި
ގުރޫޕް މާރާމާރީއާ ގުޅޭ އެންމެން ހައްޔަރުކޮށްފި

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅޭ އިތުރު މީހަކު ހައްޔަރުކޮށް، އެ މައްސަލަތަކާ ގުޅުން ހުރި އެންމެން މިހާތަނަށް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު، 20، އެވެ.

ނަމަވެސް އޭނާގެ ހައްޔަރާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އެ މައްސަލައިގައި ހަތް މީހަކު ފުލުހުން އިއުލާންކުރީ މިދިޔަ މެއި 5 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި އެ އެންމެން ވެސް މިހާރު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ؛

- މާލެ، ދަފްތަރު ނަމްބަރު 2260، މައުސޫމް މުހައްމަދު ދީދީ، 27،

- ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު، 22

- މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18

- ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24

- ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27

- ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު، 20

- ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21

އެ މާރާމާރީއާ ގުޅިގެން ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މާރާމާރީ ހިންގީ ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވުމުން އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފަން ކަމަށެވެ.