ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެއްޖެ
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެއްޖެ

ކޮވިޑު-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، ކުރީ ދެ ހަފުތާއަށް ވުރެ މަދުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި މަހުގެ 3 އިން 9 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ 771 މީހުން ކަމަށެވެ. އެކަމަކު އޭގެ ކުރީ ހަފުތާ، މިިދިޔަ މަހުގެ 25 އިން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ޕޮޒިޓިވްވީ 1،134 މީހުންނެވެ.

މިދިޔަ މަހުގެ 19-25 އަށް ކޮވިޑަށް ޕޮޒިޓިވްވީ، އެޗްޕީއޭގެ ތަފާހިސާބުގައިވާ ގޮތުން 1،202 މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ހުރިހާ ފިޔަވަޅެއް މިދިޔަ މާޗު 13 ގައި ވަނީ އުވާލައިފަ އެވެ. އޭގެ ފަހުން މިދިޔަ ސްކޫލް ޗުއްޓީ އާއި އީދާ ބަންދާ ދިމާކޮށް ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފައިވެ އެވެ.

މި ބޮޑު ޗުއްޓީއާ ގުޅިގެން ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.

ކޮވިޑުގެ ކޭސްތައް މަދުވުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް އަންނަނީ ދަށްވަމުންނެވެ. އެންމެ ފަހު ހަފުތާގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 31 މީހެކެވެ. އޭގެ ހަފުތާގައި 54 އަދި އޭގެ ކުރީ ހަފުތާގައި 51 މީހަކު އެޑްމިޓްކޮށްފައިވެ އެވެ.

ބޮޑު އީދަށް ހުޅުމާލޭގައި ބާއްވަން ނިންމި އީދު ހަވާ އެރުވުމާއި ޝޯތައް ވެސް ކެންސަލްކުރަން ވަނީ ނިންމައިފަ އެވެ.