އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފި
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފި

މި މަހު 15-21 އަށް ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ހާއްސަކޮށް، ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފި އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފި
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަށް ބޭރުގެ ޑެލިގޭޓުން ރާއްޖެ އަންނަން ފަށައިފި

ރާއްޖޭގައި މިހާތަނަށް ބާއްވާ، އިންޓަނޭޝަނަލް އެންމެ ބޮޑު ކުޅިވަރު މުބާރާތަށް، މި މުބާރާތް ވާނެ ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިން ބުނެ އެވެ. އޭޝިއާގެ 30 ގައުމަކުން އެތުލީޓުންނާއި އޮފިޝަލުން ރާއްޖެ އަންނާނެ އެވެ. އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާ ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މުބާރާތުގެ ޖަޖް ކޮމިޓީގެ ޗެއާޕާސަން ކްރިސްޓީނާ ކޭމް ވެސް ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފަ އެވެ. މި މުބާރާތުގައި 31 ޖަޖުން ހަރަކާތްތެރި ވާނެ އެވެ.

ޖަޖިން ޕެނަލްގައި ރާއްޖޭގެ އޮފިޝަލުން ވެސް ހިމެނޭނެ ކަމަށް، ބީބީއޭއެމުން ބުނެ އެވެ. މުބާރާތް ކުރިއަށް ދާނީ ކ. މާފުށީގަ އެވެ.

މުބާރާތަށް ހާއްސަކޮށް ދިވެހި ވަންތަ ލޯގޯ އެއް ވަނީ ލޯންޗު ކޮށްފަ އެވެ. ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު ކުރިން ވެސް ވިދާޅުވެފައި ވަނީ މުބާރާތް ރާއްޖޭގައި ބާއްވާނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ސަގާފްތް ރަމްޒު ވާނެ ގޮތަށް ކަމަށެވެ. ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމްގެ މަގުބޫލުން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ކުޅިވަރު އިވެންޓަކުން އެންމެ ބޮޑަށް ރާއްޖެ އިސްތިހާރު ވާނެ އިވެންޓްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

"ރާއްޖޭގައި މުބާރާތް ބާއްވާތީ އަޅުގަނޑަށް އެނގޭ އެހެން ގައުމުތަކުން ބައިވެރިވާ އެތުލީޓުންނާއި އޮފިޝަލުން އެކްސައިޓްމެންޓް އޮތްވަރު. އެކަން އޭބީބީއެފް [އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަން]ގެ ވެރިންގެ މެދުގައި ވެސް އެބައޮތް،" އިއްބެ ވިދާޅުވި އެވެ.

ރާއްޖެ އިން ވެސް 20 އެތުލީޓުން މުބާރާތުގައި ތަމްސީލު ކުރާނެ އެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ދިވެހި ޓީމުގައި ހިމެނޭ އެތުލީޓުން ރަން މެޑަލް ހޯދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ގައުމީ ޓީމުގެ ކޯޗު މެލޭޝިއާގެ ވޮން ހޮން ވަނީ ބުނެފަ އެވެ. މިސްޓަ އޭޝިއޭ ޓައިޓަލް 1999 ގައި ހޯދި ވޮން ބުނީ ދިވެހި އެތުލީޓުންގެ ފެންވަރު ފެނުމުން ރަން މެޑަލް އަށް އޭނާ އެންމެ ފުރަތަމަ ދުވަހު ވެސް އުންމީދު ކުރެވުނު ކަމަށެވެ. އޭނާގެ ބެލުމުގެ ދަށުން، ގައުމީ ސްކޮޑަށް ނެގި 20 އެތުލީޓުން ވަނީ ދެ ޓީމަކަށް ބަހައިލައިފަ އެވެ. ޓީމު އޭ ގެ ޓްރޭނިންތައް ގެންދަނީ ސީދާ ވޮންގެ ބެލުމުގެ ދަށުންނެވެ.

"އަހަރެން ރާއްޖެ އައިސް މި އެތުލީޓުން ފެނުނު ފުރަތަމަ ދުވަހު ވެސް އަހަންނަށް އުންމީދު ކުރެވުނު ރަން މެޑަލް އަށް، ސަބަބަކީ މި އެތުލީޓުންގެ ކޮންޑިޝަން ވަރަށް ރަނގަޅު،" ހިއުމަން ނިއުޓްރިޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ތަޖުރިބާކާރު ބުންޏެވެ.

"ޓްރޭނިންގައި އިތުރަށް ކުރިއަށް ދިޔަ ވަރަކަށް އަހަންނަށް ހިތްހަމަޖެހުން ލިބުނު މި އެތުލީޓުންނާ މެދު. އަހަރެން ބޭނުންވާ ގޮތަށް ޓްރޭނިން ގެންދިއުމުގައި މި އެތުލީޓުން ވަރުބައެއްޔެއް ނުވޭ. އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ."