01 ޖެނުއަރީ 2017 - 11:14

ބްރުސެލްސް، ބެލްޖިއަމް (ޖެނުއަރީ 1) - ޗެލްސީގެ އެޑެން ހަޒާޑް ފަހަތަށް ޖައްސާލުމަށް ފަހު ބެލްޖިއަމްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނަޕޯލީގެ ވިންގް ޑްރައިސް މާޓެންސް ހޯދައިފި އެވެ.
ބެލްޖިއަމްގެ ހޮވާލެވޭ ފުޓްބޯޅަ ސަޕޯޓަރުންނާއި ނޫސްވެރިންގެ ވޯޓުން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު މާޓެންސް އަށް ލިބުނުއިރު، އޭނާ ކުރީގައި އޮތީ ގިނަ އަދަދެއްގެ ވޯޓު ހޯދުމުގެ އިތުރުން ބޮޑު ފަރަގަކާ އެކު އެވެ.
މާޓެންސް އަށް 12،213 ވޯޓު ލިބުނުއިރު، ހަޒާޑަށް ލިބުނީ 7856 ވޯޓެވެ. އަދި ތިން ވަަނަ އަށް ދިޔަ ރޯމާގެ ރަޒާ ނައިންގޫލާން އަށް ލިބިފައިވަނީ 2562 ވޯޓެވެ.
މާޓެންސް ވަނީ މިދިޔަ ސީޒަނުގައި ބެލްޖިއަމް ގައުމީ ޓީމަށް ކުޅެދިން 13 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. އަދި ނަޕޯލީގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް 22 ލަނޑު ކާމިޔާބު ކޮށްދިން އިރު 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
މިިދިޔަ ސީޒަނަކީ ހަޒާޑްގެ އެންމެ ކާމިޔާބު އަހަރެއް ނޫނެވެ. ޗެލްސީ ލީގުގެ 10 ވަނައިގައި ނިންމާލިއިރު، ހަޒާޑް ވެސް ފެނުނީ ދަށް ކޮށެވެ. ނަމަވެސް މި ސީޒަނުގެ މިހާތަނަށް ޗެލްސީން ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި ހަޒާޑްގެ ދައުރު ބޮޑެވެ.
އެންޓޯނިއޯ ކޮންޓޭ ޗެލްސީއާ ހަވާލުވި ފަހުން ހަޒާޑްގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް ކުޅުނު 20 މެޗުން ނުވަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.