01 ޖެނުއަރީ 2017 - 09:38

ރިއޯ ޑި ޖެނީރޯ (ޖެނުއަރީ 1) – ޔޫރަޕުގައި ކުޅޭ ބްރެޒިލްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ސަމްބާ ގޯލްޑް އެވޯޑް ލިވަޕޫލުގެ ފިލިއްޕޭ ކޮޓީނިއޯ ހާސިލްކޮށްފި އެވެ.
ކޮޓީނިއޯ އަށް 32 ޕަސެންޓް ވޯޓް ލިބުނުއިރު އޭނާއާ ދެން ވާދަކުރީ ބާސެލޯނާގެ ނޭމާ އާއި ރެއާލް މެޑްރިޑުގެ ކަސެމިރޯ އެވެ. މި އެވޯޑް ލިބޭ ކުޅުންތެރިޔާ ހޮވަނީ ނޫސްވެރިންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވޯޓުންނެވެ.
މި އަހަރު 13 ގޯލް ޖަހާފައިވާ ކޮޓީނިއޯ ވަނީ ގިނަ ގޯލްތަކެއް ޖަހަން ވެސް މަގުފަހިކޮށްދީފަ އެވެ. ބްރެޒިލް ގައުމީ ޓީމުގައި ވެސް ތަފާތު ދެއްކި ކޮޓީނިއޯ ގެންދަން ސްޕެއިނުގެ ބާސެލޯނާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ކުރިން އިންޓަ މިލާނަށް ކުޅުނު ކޮޓީނިއޯ އަކީ 2008 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް ހޯދި ޕްރިމިއާ ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
މިދިޔަ ދެ އަހަރު އެވޯޑް ހޯދި ނޭމާ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެވޯޑް ހޯދަން ކުރި އުއްމީދު ހާސިލްނުވިއިރު އޭނާ ވަނީ މި އަހަރު ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް ބްރެޒިލަށް އޮލިމްޕިކް ރަން މެޑަލް ހޯދައިދީފަ އެވެ. މެޑްރިޑުގެ ކަސެމިރޯ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް އުފުލާލައިފަ އެވެ.
މި އެވޯޑުގެ ހަތަރު ވަނަ މަގާމް މެޑްރިޑުގެ މާސެލޯނާ އަށް ލިބުނުއިރު ފަސް ވަނަ އަކީ ލިވަޕޫލުގެ ރޮބަޓޯ ފިރްމީނިއޯ އެވެ. އެވޯޑް ކުރިން ހޯދާފައިވާ ކުޅުންތެރިންނަކީ އޭސީ މިލާނުގެ ކަކާ އާއި ތިއާގޯ ސިލްވާ އާއި އިންޓަގެ މައިކޮން އާއި ސެވިއްޔާގެ ލުއިސް ފަބިއާނޯ އަދި ބާސެލޯނާގެ ނޭމާ އެވެ.