09 ޖުލައި 2022 - 16:42

ދިވެހި ޕްރިމިއަ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ސުޕަ ޔުނައިޓެޑް ސްޕޯޓޤސް (ސަސް) އާ ދެކޮޅަށް ނުކުތީ މޮޅަކާ އެކު ލީގު ގަދަ ހަތަރަކަށް ވާދަކުރާ ޓީމުތަކާ އެއްވަރު ކުރާށެވެ. ގްރީން ވަނީ ފަސޭހަ ކަމާ އެކު 4-0 އިން އެ މެޗް ކާމިޔާބު ކޮށް ވާދަވެރި ޓީމުތަކާ ދެމެދު އޮތް ފަރަގު ކުޑަ ކޮށްފަ އެވެ.

ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި، ވައިސް ކެޕްޓަން މުހައްމަދު ސާއިފް ނުލައި ގްރީން އަށް ކުޅެން ޖެހުނު މެޗަށް ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ، ކަކުލުގެ ލިގަމެންޓް ސާޖަރީއަކަށް ފަހު ދާދި ފަހުން ކުޅުމުގެ ތެރަށް އައި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ)، ފުރަތަމަ 11 ގައި ކުޅެން އަރުވައިފަ އެވެ. އަދި މެޗުގައި ޓީމް ލީޑް ކުރުމުގެ ޒިންމާއާ ހަވާލުވީ، ދެވަނަ ވައިސް ކެޕްޓަން، ހަސަން ނަޒީމް (ޗޯޓު: 21، އެވެ.

އެ މެޗުގެ ފުރަތަމަ ލީޑު ނަގައިދިނީ ވެސް ޗޯޓު އެވެ. ފުރަތަމަ ހާފުގައި ގްރީންއިން ތިން ލަނޑު ޖެހި އެވެ. އުސޫލެއްގެ ގޮތުން ކެޕްޓަން ރިލޭ ނެތް ހާލަތެއްގައި ގްރީންގެ ޕެނަލްޓީތައް ޖެހުމުގެ ޒިންމާ ހަވާލް ކުރެވިފައި އޮތީ ޗޯޓު އަށެވެ. ނަމަވެސް ގްރީންގެ ކެޕްޓަން ބޭންޑް އަޅައިގެން ޗޯޓު ކުޅުނު ފުރަތަމަ މެޗުގައި އޭނާއަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ ޖަހަން ފުރުސަތު ދިނީ، ސާޖަރީއަށް ފަހު ފުރަތަމަ ފަހަރަށް، ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް އޮގީ އެވެ.
ނިސްތާރު މިއަދު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އެ ޕެނަލްޓީ ޖަހަން އޮގީ އަށް ދިނީ ކީއްވެތޯ، ހާފްޓައިމް ގައި ޗޯޓުއާ ސުވާލު ކުރި ކަމަށެވެ. އަދި ޗޯޓުގެ ޖަވާބުން އޭނާއަށް ހައިރާންކަމެއް ލިބުނު ކަމަށް ކަމަށް ނިސްތާރު ލިޔެފައި ވެއެވެ.
"ހާފް ޓައިމްގައި އަހަރެން އަހާލިން ޗޯޓު ގާތުގައި ކީއްވެތޯ ޕެނަލްޓީ ޖަހަން އޮގީ އަށް ދިނީ. އޭނާ ދިން ޖަވާބުން އަހަރެން ހައިރާންވި؛ 'އަހަރެން ބޭނުންވި އޮގީގެ އެނބުރި އައުން ވަރުގަދަ ވާން، އަދި އަހަރެން އިތުބާރު އޮތް [އޮގީ] އެ ޕެނަލްޓީ ކާމިޔާބު ކުރާނެ ކަމަށް،' މިއީ އޮގީ ކަކުލުގެ ސާޖަރީއަށް ފަހު ފުލްކޮށް ކުޅުނު ފުރަތަމަ މެޗު،" ނިސްތާރުގެ ޕޯސްޓުގައި ވެއެވެ.
އުމުރުން 22 އަހަރުގެ އޮގީ އަށް ވަނީ މި ފަހުން ގާތް ގާތުގައި ދެ ސާޖަރީއެއް ހަދަން ޖެހި، ގިނަ މެޗުތަކެއް ގެއްލިފަ އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު ލީގު މެޗެއްގައި ކުޅެނިކޮށް އަނިޔާ ވިއިރު، ފަހުން އަނިޔާވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަހްރޭނާ ދެކޮޅަށް ކުޅުނު އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ކުޅެނިކޮށެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި އޮގީ އަށް މެޗުގެ ފަހު ކޮޅުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ސްޓްރެޗަރުގަ އެވެ.
އެ އަނިޔާއިން ސަލާމަތްވާން އޮގީ ސާޖަރީ ހެދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި މުޅިން ރަނގަޅު ވެގެން އެންމެ ފުރަތަމަ ރަސްމީ މެޗަކަށް ނުކުތީ މިއަހަރުގެ މެއި މަހު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިއެއް ގޮތުގައި ފަހު 10 މިނިޓަށެވެ. ޖެހިގެން އައި މެޗުގައި މާޒިޔާއާ ދެކޮޅަށް ރެސްޓު ދީފައި، ދެން އޮގީ ނުކުތީ ބްރޭކަށް ފަހު ސަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ފަހު 15 މިނިޓަށް ކުޅުނު އިރު، ޓީސީއާ ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ ފަހު މެޗުގައި ފަހު 20 މިނިޓަށް އޮގީ ކުޅެން އެރުވި އެވެ.
ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ފަސް މިނިޓުގެ ކުޅުމަށް ފަހު ނިސްތާރު ވަނީ އޮގީ ކުޅެން ނެރެފަ އެވެ. އަދި ބުދަ ދުވަހު ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ 83 މިނިޓު އޮގީ ވަނީ ފުރިހަމަ ކޮށްފަ އެވެ.