01 ޖެނުއަރީ 2017 - 09:29

މިދިޔަ އަހަރު ފެށި ވަރަށް ގިނަ މަޝްރޫއުތަކެއް ނިންމައި އާ މަޝްރޫއުތަކެއް މި އަހަރު ހިންގާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓަކީ އެތައް މަޝްރޫއުތަކަކަށް ފުރުސަތު ފަހިވެގެން ދާނެ ބަޖެޓެކެވެ. އެ ގޮތުން، ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަމާއި އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެ ބަޖެޓުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހިން މިދިޔަ އަހަރު ވޭތުކުރީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ސުލްހަވެރިކަމާއި އަމަންއަމާންކަން މަތީ އަދި އުފާވެރިކަމާ އެކުގަ އެވެ. އެ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމުގައި ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު ކަމަށާއި ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ހޯދައި ދިނުމުގަ އާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށް ދިނުމަށް މިދިޔަ އަހަރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރަކީ، ރައީސް ވިދާޅުވި ގޮތުގައި، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފަށައި ހިންގި އަހަރެކެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް، ގިނަ ފިޔަވަޅުތަކެއް އަޅައި ކާމިޔާބީތަކެއް ވެސް ހާސިލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ކާމިޔާބީތައް ހާސިލު ކުރެވިފައި މި ވަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވުނު ވަރަށް ބުރަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މި ކަންކަން ކުރުމުގައި އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ހައްލު ކުރުމަށް ވެސް ސަރުކާރާއި ރައްޔިތުން ގުޅިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން އަޅުގަނޑު އުފަލާ އެކު ހަނދާން ކުރަމެވެ،" ހިތާބުގައިވެ އެވެ.
ސަރުކާރުގެ އެންމެ މުހިއްމު ވައުދު ކަމަށްވާ ޒުވާނުން ބާރުވެރިކުރުވުމުގެ ރޮނގުން ވެސް ގިނަ މަސައްކަތްތަކެއް މިދިޔަ ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައި ދެވުމެވެ.
"ޒުވާނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ފުރުސަތުތައް ފަހިކޮށް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ހަމަހަމަ ގޮތެއްގައި އެއްވެސް މީހަކު ބާކީ ނުކޮށް، މި ފެށުނު އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ވެސް އަޅުގަނޑު ފާހަގަކުރަމެވެ،" ހިތާބުގައިވެ އެވެ.
ރައީސްގެ ހިތާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އަދި ކާމިޔާބު އަހަރަކަށް ވެގެން ދާނެ ކަމުގެ އުއްމީދާ އެކުގަ އެވެ.