09 ޖުލައި 2022 - 10:39

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް. ބޮޓާބަޔަ އިސްތިއުފާ ދެއްވުމުގެ ލަންކާގެ ރައީސަކަށް ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ހުންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ.

ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އަންގަވައިފި ކަމަށް ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައީސް ގޮޓާބަޔަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު ލަންކާގެ ސިޔާސީ ބައެއް ލީޑަރުން ވަނީ ގޮޓާބަޔަ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިސްތިއުފާ ދެއްވުމަށް މުހުލަތު ދެއްވާފައި.

ބޮޑުވަޒީރުގެ ގެކޮޅު ކައިރީ ހަމަނުޖެހުން ހިނގައި ސިފައިންނާއި ފުލުހުންނާއި ބައެއް އާންމުންނަށް ވެސް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕްކަސް ވެސް މިހާރު ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައި ކަމަށް އަޑު ފެތުރިއްޖެ

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކައިރީ މުޒާހަރާ ވަރުގަދަވެ ބަޔަކު ގޭތެރެއަށް ވަދެގަތުމުން ސަލާމަތީ ބާރުތަކުން ދަނީ މީހުން ދުރުކުރުމުގެ މަސައްކަތްކުރަމުން

ރަނިލް އެންމެ ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު، ބޮޑުވަޒީރު މަހިންދަ ރާޖަޕްކަސް އިސްތިއުފާ ދެއްވުމުން. ރަނިލް އަކީ ލަންކާގެ ބޮޑުވަޒީރުކަން އެންމެ ގިނައިން ކުރެއްވި އަދި ގައުމެއްގެ ބޮޑުވަޒީރުކަން އެންމެ ގިނައިން އަދާކުރެއްވި ލީޑަރު. އޭނާ ވަނީ ހަ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައި

ސިޔާސީ ޕާޓީތަކާ އެކު ބޭއްވެވި ކުއްލި ބައްދަލުވުމަށް ފަހު ރަނިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޕާޓީތަކުގެ ލީޑަރުންގެ އެންމެ ރަނގަޅު ހުށަހެޅުން ގަބޫލުކުރައްވާކަމަށް. އެއީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް އެކުލަވާލުން ކަމަށާއި އެކަމަށް މަގު ފަހިކުރުމަށް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ރަނިލް ވިދާޅުވި
އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އިސްތިއުފާ ދެއްވާނެ ކަމަށް ދެންމެ އިއުލާނުކުރައްވައިފި
ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހަގެ އަމިއްލަ ގެކޮޅު ކައިރީގައި ވެސް މިހާރު ދަނީ މުޒާހަރާކުރަމުން.
ޕާޓީތަކުގެ މަޝްވަރާގައި ރަނިލް ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައި ކަމަށާއި އެކަމަކު ރައީސްގެ އިސްތިއުފާ އަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް، ރައީސް ގޮޓާބަޔަ އަށް ސިޓީ ފޮނުއްވަން ނިންމެވި ކަމަށް ލަންކާގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައި
ޕާޓީތަކުގެ މަޝްވަރާގައި ރައީސާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވައި ގާނޫނުހަދާ މަޖިލީހުގެ ރައީސަށް ގައުމު ހަވާލުކުރުމަށް ވެސް ވަނީ ހުށަހަޅާފައި.
މުޒާހަރާއަށް ނިކުތް މީހުންގެ ބާރު ގަދަވާން ފެށުމާ އެކު އިތުރު މީހުން މުޒާހަރާއާ ދަނީ ގުޅެމުން.
ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅާއި ރިޔާސީ ސެކްރެޓޭރިއޭޓުގެ އޮފީހާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕްލް ޓްރީސް ވެސް ވަނީ އާންމުންގެ ބާރުގެ ދަށުގައި
ލަންކާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިހާރު ގެންދަވަނީ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާގެ އިސްނެންގެވުމަށް ބައްދަލުކުރައްވަމުން. ރިޕޯޓްތައް ބުނާ ގޮތުން ހުރިހާ ޕާޓީތަކަކުން ވެސް އެދެނީ ރައީސް އިސްތިއުފާ ދެއްވުމަށް.
ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމުގައި ހުރިހާ ލީޑަރުން ވަނީ ރައީސް ގޮޓާބަޔަ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ކަމަށް ލަންކާގެ މީޑިއާ އިން ބުނޭ
މުޒާހަރާކުރާ މީހުން ރައީސްގެ ގެކޮޅުގެ އެކި ތަންތަނަށް ވަދެ ފޮޓޯ ނަގައި ވީޑިއޯކޮށް އާންމުކުރަމުން ދަނީ
ލަންކާގެ ރައީސް ގޮޓާބަޔަ މިހާރު ހުންނެވީ އަސްކަރީ މަނަވަރެއްގައި ކަމަށާއި އެ މަނަވަރަށް ފޮށިތަކެއް އެރުވި ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ
ރައީސްގެ ސެކްރެޓޭރިއޭޓްގެ އޮފީސް ވެސް ވަނީ މުޒާހަރާކުރާ މީހުންގެ ބާރުގެ ދަށުގައި
މުޒާހަރާކުރާ މީހުން ގޮޓާބަޔަގެ ގެކޮޅަށް ވަދެ އެތަނުގެ ސްވިމިން ޕޫލަށް އެރި އުޅޭ ފޮޓޯތައް ވެސް ވަނީ އާންމުވެފައި
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ މިހާރު ވަނީ ޕާޓީތަކުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައި
ސްރީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ކައިރިއަށް ޖަމާވެ އެންމެ ފަހުން ގެކޮޅަށް ވަދެގެންފި އެވެ.
އޭއެފްޕީން ބުނީ މުޒާހަރާކުރާ މީހުން ގިނަވެ ސަލާމަތީ ބާރުތަކަށް ކޮންޓްރޯލް ގެއްލުމާ އެކު ރައީސް ގެކޮޅު ދޫކުރައްވައި ވަޑައިގެންފައިވާ ކަމަށެވެ.
ބޮޑު މުޒާހަރާއަކަށް ތައްޔާރުވުމާ އެކު، ވެރިރަށް ކޮލަމްބޯ ހިމެނޭ ގޮތަށް ހަތް ސަރަހައްދެއްގައި ކާފިއު އިއުލާނުކުރި ނަމަވެސް މިއަދު ވަނީ ކާފިއު ވެސް އުވާލައިފަ އެވެ. އެއާ އެކު ގައުމުގެ އެކި ކަންކޮޅުތަކުން މީހުން ޖަމާވެ މުޒާހަރާގައި ބައިވެރިވި އެވެ.
ބައެއް ފުލުހުން ވެސް މުޒާހަރާއަށް ތާއީދުކޮށް އަޑު އުފުލާފައި ވާއިރު ފުލުހުންގެ ބެރިކޭޑްތައް ފަހަނަޅައި މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅާ ހަމަޔަށް ދިޔައީ ފަސޭހަކަމާ އެކުގަ އެވެ.
ބަނގުރޫޓުވެފައިވާ ސްރީ ލަންކާގައި އެ ގައުމުގެ އާންމުން ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ރަސްމީ ގެކޮޅު ކައިރިއަށް ޖަމާވެ ރައީސްގެ އިސްތުފާއަށް ގޮވާލުމަށް ބޮޑު މުޒާހަރާއެއް ފަށައިފި އެވެ.
މިއަދަށް މުޒާހަރާ ރޭވުމާ އެކު ފުލުހުން ވަނީ ވެރިރަށް ކޮލަމްބޯ ވެސް ހިމެނޭ ގޮތަށް ހަތް ސަރަހައްދަކަށް ކާފިއު އިއުލާނުކޮށްފަ އެވެ. އެކަމަކު މިއީ ޣައިރު ގާނޫނީ ކާފިއުއެއް ކަމަށް ވަކީލުންނާއި ގާނޫނީ ތަޖުރިބާކާރުން ވިދާޅުވެ ކުރިމަތިކުރި ފިއްތުންތަކާ އެކު މިހާރު ވަނީ ކާފިއު އުވާލައިފަ އެވެ. އެއާ އެކު އެ މީހަކަށް ވީ ގޮތަކުން މިހާރު ދަނީ މުޒާހަރާކުރާ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންނެވެ.
މި މުޒާހާރާގައި އާންމު ރައްޔިތުންގެ އިތުރުން ގައުމުގެ ނަގާކިޔާ އެތައް ބަޔަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންނާއި ދީނީ ލީޑަރުންނާއި ހައްގުތަކަށް ވަކާލާތުކުރާ އިސް އެކްޓިވިސްޓުން ވެސް ހިމެނެ އެވެ
ދަރަނި ބޮޑުވެ، ބޭރު ފައިސާ ލިބޭނެ ގޮތެއް ނެތި އާންމު އަސާސީ ހިދުމަތްތައް ވެސް ނުދެވޭ ހިސާބަށް ގައުމު ދިޔަތާ އެތައް މަހެއް ވެގެން ދިޔައިރު ވެސް މައްސަލަތައް ހައްލުކޮށްދެވިފައި ނުވާތީ މީގެ ކުރިން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެފަހަރު މުޒާހަރާތައް ހޫނުވެ ބޮޑުވަޒީރު، ރައީސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ގޮޓާބަޔަ ރާޖަޕަކްސަ އަދިވެސް ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅުހައްދަވަމުންނެވެ.
މުޒާހަރާގެ ކުރިން ކާފިއު އިއުލާނުކުރުމުން އިއްޔެ ކޮލަމްބޯގައި ބޮޑު ހާސްކަމެއް އުފެދި އާންމުން ވަނީ ކާބޯތަކެތި ގަނެ ރައްކާކުރަން ވެސް ފަށައިފަ އެވެ.
ކާފިއުއާ ހެދި ދަތުރުފަތުރު ހުއްޓުމުން، މުޒާހަރާގައި ބައިވެރިވާން ބޭނުންވި އެތައް ބަޔަކަށް ކޮލަމްބޯއަށް ދެވޭނެ ގޮތެއް ނެތިފައި ތިބުމަށް ފަހު ކާފިއު އުވާލުމުން މުޒާހަރާގެ ފޯރި ވަނީ އާންމުންގެ ތެރޭގައި ގަދަވެފަ އެވެ. އާންމު ދަތުރުތަކަށް ބޭނުންކުރާ ރޭލުތަކުގައި އަދި މުދާ އުފުލާ ވެހިކަލްތަކާއި ބައިސްކަލާއި ފައިމަގުގައި ވެސް މީހުން ދަނީ މުޒާހަރާގައި ބައިވެރިވާން ދަތުރުކުރަމުންނެވެ.
ތެލާއި ގޭހާއި ކާނާ އާއި ބޭސް ފަދަ އަސާސީ ހުރިހާ އެއްޗަކަށް ޖެހިފައިވާ ލަންކާގެ މި މައްސަލަތައް ހައްލުވާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ނަމަވެސް މުޒާހަރާތައް އަލުން ވަރުގަދަވުމާ އެކު ގޮޓާބަޔަ އަނެއްކާވެސް ވަނީ ދެތިން ދުވަހުގެ ތެރޭގައި ކަންކަން ހަމަޔަކަށް އެޅެން ފަށާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ޔަގީންކަން ދެއްވައިފަ އެވެ. އެކަމަކު އާންމުން އެ ވާހަކަތަކަށް އިޖާބައެއް ނުދެ އެވެ.
މުޒާހަރާ ބޮޑުވުމުގެ ކުރިން އިއްޔެ ވެސް އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައި ވާތީ މިއަދު ވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ލަންކާގެ ހުރިޙާ ހިސާބެއްގައި ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލުގަ އެވެ.