ފާހިޝްކަންކަންކުރުމާއި އޭގެ ވާހަކަ ފެތުރުމުން ދުރުހެލިވުން
ފާހިޝްކަންކަންކުރުމާއި އޭގެ ވާހަކަ ފެތުރުމުން ދުރުހެލިވުން

އިސްލާމީ އުންމަތަކީ އިސްލާމްދީނުގެ ހިދާޔަތާ އެކު ވަރަށް މަތިވެރި އަސާސްތަކެއްގެ މަތީ ބިނާވެފައިވާ އުންމަތެކެވެ. މި އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ ފާޅުވެގެންވާ އަދި ސިއްރުވެގެންވާ އެންމެހާ ފާހިޝް ކަންކަން އެ އުންމަތުގައި ހަރާން ވެގެންވުމެވެ. އަދިކިއެއްތަ، އެފަދަކަންކަމާ ގާތްވުންވެސް ވަނީ ނަހީ ކުރެވިފައެވެ. "... އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރިނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ސިއްރުވެގެންވާ ކަންތައްތަކެވެ...." (އަލްއަންޢާމް 151).

ފާހިޝް ކަންކަމުން ދުރުހެލިވުމަށްޓަކައި އެންމެ ފުރަތަމަވެސް ފާހިޝްކަންތައްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ފާހިޝްކަންތައްތަކަކީ ކުށްތަކާއި އުރެދުންތަކުގެ ތެރެއިން ނުބައިކަމާއި މުޑުދާރުކަން ބޮޑުވެގެންވާ ކަންތައްތަކެވެ. އޭގެތެރޭގައި ބުނާ ބަސްތަކާއި ކުރާ ކަންތައްތައްވެސް ހިމެނެއެވެ.

ފާހިޝް ގެ އަސްލަކީ ގިނަވުމާއި އިތުރުވުމެވެ. އެހެންކަމުން ބަހެއް ބުނުމުގައި ވެސް ހައްދުފަހަނަޅައި ގޮސްފިނަމަ އެކަމެއް ފާހިޝް ވީ އެވެ. މިސާލަކަށް ޔަހޫދީން ސަލާން ގޮވަންވެގެން "އައްސާމް ޢަލައިކުމް" އޭ ބުނުމުން ޢާއިޝަތުގެފާނު އޭގެ ރައްދުގައި ތިޔަބައިމީހުންނަށް ވެސް "ސާމް" (މަރު) އާއި ލައުނަތާއި ﷲ ގެ ކޯފާ ހުއްޓޭ ވިދާޅުވުމުން އެކަމަނާގެ ބަސްފުޅުގައި ހައްދުފަހަނައެޅުމެއް ވާތީ ރަސޫލާ ﷺ ހަދީސް ކުރެއްވީ "ކަމަނާ ތިޔަހެން ވިދާޅުނުވާށެވެ! ހަމަކަށަވަރުން ފާހިޝް ކަންކަމާއި ފާހިޝްވެގަތުމަށް ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ."

ކީރިތި ޤުރްއާނަށް ބަލާއިރު ފާހިޝްކަމެއްގެ ގޮތުގައި އެންމެ އާންމުކޮށް ބަޔާންކުރައްވާފައިވަނީ ޒިނޭ އެވެ. (އައްނިސާއު 15 ، 25، އަލްއިސްރާއު 32، އައްނޫރު 19). މިގޮތުން ޒިނޭ ހަރާމް ކުރައްވާފައިވަނީ ފާހިޝްކަންތައްތަ ހަރާމް ކުރައްވާފައިވާ ފަދައިން އެކަމާ ގާތްވުން ވެސް ނަހީ ކުރައްވައިގެންނެވެ.

ފާހިޝް ކަންކަމުގެ ގޮތުގައި ބަޔާންކުރައްވާފައިވާ ދެވަނަ ކަމަކީ އައުރަ ނިވާނުކޮށް މީސްތަކުންގެ ހިތްތަކުގައި ފާހިޝް ކަންކަން ކުރަން ހިތްވަރު ލިބޭ ގޮތަށް އުޅުމެވެ. އަލްއަޢުރާފު ސޫރަތުގައި މައްކާގެ އަހުލުވެރިން ފާހިޝް އަމަލުތައް ކޮށް އެކަމުގެ އުޒުރެއްގެ ގޮތުގައި "މިއީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބިގޮތް ކަމަށާއި ﷲ އެކަމަށް އަމުރުކޮށްފައިވާ ކަމެއް ކަމަށް" ބުނުމުން އޭގެ ރައްދުގައި އަންގަވަނީ "ހަމަކަށަވަރުން ފާހިޝްކަންކަމަށް ﷲ އަމުރު ނުކުރައްވާނެ" ކަމަށެވެ. އަދި އެބައިމީހުން ނޭނގި ތިބެ އެހަދަނީ ﷲ ގެ މައްޗަށް ބޮޑު ދޮގެއް ކަމަށެވެ. (އަލްއަޢުރާފު 28). މި އާޔަތް ބާވާލައްވާފައިވަނީ އޭގެ ކުރިން އޮތް އާޔަތުގައި ޝައިތާނާގެ ހެއްލުންތެރިކަމުގައި ނުޖެހުމަށް އޮތް އަމުރަށް ފަހުއެވެ. އެ ހެއްލުންތެރި ކަމަކީ އާދަމުގެފާނާއި ހައްވާގެފާނު ސުވަރުގެއިން ނެރެލުމަށްޓަކައި އެ ދެކަނބަލުންގެ ފޭރާން ބާލުވައި އެ ދެކަނބަލުންގެ އައުރަ ކަޝްފު ކުރިވި ހެއްލުންތެރިކަމެވެ.

ފާހިޝްކަންކަމުގެ ގޮތުގައި ބަޔާންކުރެވިފައިވާ ތިންވަނަ ކަމަކީ، އެއްޖިންސުން ގުޅުން ހިންގުމެވެ. ހާއްސަކޮށް ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ ނުބައި ލިވާތު ގެ އަމަލެވެ. އެއީ އޭގެ ކުރިން އެއްވެސް ބަޔަކު އެކަން ކޮށްފައިނުވާ ފަދަ ނުބައި އަމަލެކެވެ. (އަލްއަޢުރާފް 80). އަދި އެކަމަކީ އެމީހުންނަށް އެކަމުގެ ނުބައިކަން ނޭނގި ތިބެ ކުޅަ އަމަލެއް ވެސް ނޫނެވެ. (އައްނަމްލު 54). ލިވާތަކީ އޭގެ ޖަރީމާކަން ވަރަށް ބޮޑުވެގެންވާ މުޑުދާރު ފާހިޝް ކަމެކެވެ. އަހްލާގީ ފަސާދައެކެވެ. ނުރައްކާތެރި ބަލިމަޑު ކަމެކެވެ. އެކަންކުރާ މީހުންގެ އަގު އެރުވުމަށްޓަކައި މުޅި ދުނިޔެ ތެދުވިޔަސް އޭގެ އަހުލުވެރިން ސިފަ ކުރެވޭނީ ހަމަ ތަބީއަތް ފާސިދުވެފައިވާ ހުލުގު ނުބައި ލަދުވެތިކަން ނިގުޅައިގަނެވިފައިވާ ބައެއްގެ ގޮތުގައެވެ. އެއީ ހައްގާއި ބާތިލު ވަކިނުވާ ބައެއްގެ ގޮތުގައެވެ. އެފަދަ މީހުންގެ ކިބައިގައި ނަފުސު ކުށްވެރި ކުރާނެ ފަދަ ޒަމީރެއް ނެތް ބައެއްގެ ގޮތުގައެވެ.

އަދިކިއެއްތަ، އެފަދަ މީހުންގެ ފެންވަރަކީ ނަފްސުގެ ސާފުކަންމަތީ ތިބެން ބޭނުންވާ މީހުންނާ އެކުގައިވެސް ނޫޅުމެވެ. އެހެންވެ ލޫތުގެފާނުގެ ގައުމުގެ މީހުން ބުނީ ލޫތުގެފާނުގެ އާލުން ރަށުން ބޭރުވުމަށެވެ (އައްނަމްލު 56). މިޒަމާނުގައި މި ނުބައި ފާހިޝް އަމަލަށް ތާއީދުކުރާ މީހުންވެސް ކޮޕީ ކުރަނީ ހަމަ ލޫތުބާގައިގެ މީހުންނެވެ. އެކަމަކު އެހެން ސިފައެއްގަ އެވެ. އެއީ އިސްލާމް ދީނާއި މުސްލިމުންނާއި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށް އެކި ގޮތްގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މިފާހަގަ ކުރި ކަންކަމުގެ އިތުރުންވެސް ކުށްފާފަތަކުގެ ތެރެއިން އޭގެ ނުބައިކަން ބޮޑުވެގެންވާ ނުވަތަ އިތުރުވެގެންވާ ކޮންމެ ކުށަކީ އަދި ފާފަ އަކީ ފާހިޝް އަމަލުތަކުގެ ތެރެއިން ހިމެނޭނެ ކަންކަމެވެ.

ފާހިޝް ކަންކަމަށް އަމުރު ކުރުމަކީ ޝައިތާނާގެ ނުބައި އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އަންގަވަނީ "އެ ޝައިތާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނުމަށެވެ." އަލްބަޤަރާ 169). މި ސަބަބަށްޓަކައި މިއާޔަތުގެ ކުރިން އޮތް އާޔަތުގައި ﷲ އަންގަވަނީ ޝައިތާނާގެ ފިޔަވަޅުތަކުގެ މަތީ ނުހިނގުމަށެވެ. އަދި ޝައިތާނާއަކީ ކަނޑައެޅި ބަޔާންވެގެންވާ ބޮޑު އަދުއްވެއް ކަމަށެވެ.

ފާހިޝް ކަންކަމަށް ޝައިތާނާ އަމުރު ކުރާނެކަން ބަޔާންކުރާ އެހެން އާޔަތެއްގައި އެކަން ގުޅުވާފައިވަނީ ފަގީރުކަމަށް ވައުދުވުމާ އެވެ. (އަލްބަޤަރާ 268). މާނައަކީ ޝައިތާނާގެ އަމުރުތަކަށް ކިޔަމަންވުމުން އިންސާނާއަށް ލިބެނީ ފަގީރުކަމެވެ. އެންމެ ބޮޑު ފަގީރު ކަމަކީ އީމާންކަމުގެ ނޫރުން މީހާ މަހުރޫމު ވުމެވެ. އެހެންކަމުން ފާހިޝްކަންކަމާއި މުންކަރާތްތަކާއި ބަގާވާތްކުރުން ﷲ ވަނީ ނަހީ ކުރައްވާފައެވެ. އޭގެ ބަދަލުގައި ﷲ އަމުރު ކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށެވެ. (އައްނަޙްލު 90).

ފާހިޝް ކަންކަން ކުރުމާއި އެފަދަ އަމަލުތައް އާންމު ކުރުމަކީ މުއުމިނުންގެ އަހުލާގާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ފާހިޝް ކަންކަން އާންމުކުރަން ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާހިރަތުގައި އަޒާބު ހުރިކަން ﷲ ވަނީ ބަޔާން ކުރައްވާފައެވެ. (އައްނޫރު 19). މީގެ ތެރޭގައި ފާހިޝް އަމަލު ކުރާމީހުން ހިމެނެއެވެ. ސަބަބަކީ މިފަދަ ކަންކަމުގެ ހަބަރުތައް ފެތުރުމަށްވުރެ މިފަދަ ކަންކަން އަމަލީ ގޮތުން ކުރުމުން މާ ވަރުގަދައަށް މިކަންކަން އާންމު ކުރެވޭނެތީ އެވެ.

ވީމާ ފާހިޝް ކަންކަން ކުރުންވެސް އަދި އެފަދަކަންކަން އާންމުކުރުންވެސް ހުއްޓާލަން ޖެހެއެވެ. އަދި އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހެއެވެ. އަދި އޭގެ ފަހުގައި އެފަދަ ކަމެއް ނުކުރާނެ ކަމުގެ އަޒުމް ކަނޑައަޅައި ﷲ ގެ ހަޒްރަތުން މައާފަށް އެދެން ޖެހެއެވެ. ފާހިޝް ކަންކަން ކުރެވުމުން މިގޮތަށް ކަންކުރާ މީހުންނަށް ﷲ ތަޢުރީފު ކުރައްވާފައި ވެއެވެ. (އާލްޢިމްރާން 135). ވީމާ ދީނަށްޓަކައި ތިމާ ޣީރަތްތެރިވެ ގިޔާމަތްދުވަހު ﷲ ގެ ހަޒްރަތުގައި އެންމެ ނުބައި މީހުންނަށް ނުވުމަށްޓަކައި ފާހިޝް ކަންކަމުން ދުރުހެލިވެ އެފަދަކަންކަން އާންމުކުރުމުންވެސް ދުރުހެލިވާން ޖެހެއެވެ.