މާޗު މަހުން ފެށިގެން ރާއްޖޭގެ ރިޒާވް ދަށްވަނީ
މާޗު މަހުން ފެށިގެން ރާއްޖޭގެ ރިޒާވް ދަށްވަނީ

މިދިޔަ މާޗް މަހުން ފެށިގެން ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވުން ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު (925 މިލއަން ރުފިޔާ) އުނިވެއްޖެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މާޗް މަހުން ފެށިގެން ރާއްޖޭގެ ރިޒާވް ދަނީ ދަށްވަމުންނެވެ. ރާއްޖޭގެ ރިޒާވް މާޗު މަހުގައި ހުރީ 865 މިލިއަން ޑޮލަރުގަ އެވެ. ޖެހިގެން އައި އޭޕްރީލްގައި ރިޒާވުން 36 މިލިއަން ޑޮލަރު އުނިވެ، 829 މިލިއަނަށް ދަށްވި އެވެ. އަދި މެއި މަހު ރިޒާވް ވަނީ 808 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޒާވް ހުރީ 790 މިލިއަން ޑޮލަރުގަ އެވެ. ފެބްރުއަރީ މަހު ރިޒާވް 750 މިލިއަން ޑޮލަރަށް ދަށްވުމަށްފަހު މަޗް މަހު ވަނީ ރިޒާވަށް 15 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ބޮޑު އަދަދެއް ރިޒާވުން އުނިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަހު ރިޒާވް ވަނީ 940 މިލިއަން ޑޮލަރުން 790 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އެފަހަރު ރިޒާވް އެހާ ބޮޑަށް ދަށްވީ އިންޑިއާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރެންސީ ސްވޮޕްއަށް ފައިސާ އަނބުރާ ދެއްކުމުން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

ރާއްޖޭގެ ރިޒާވް ދަށްވަމުން އަންނަ އިރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި އިގްތިސާދު ވަނީ އަޑިއަޅައިލައިފަ އެވެ. ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ އުނދަގޫތައް ރާއްޖޭގެ އިގްތިސާދުން ވެސް ދަނީ ފެންނަމުންނެވެ. ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދަނީ އުފުލެމުންނެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވަމުން އަންނަ ގޮތުގައި ގައުމެއްގެ ރިޒާވް އިތުރު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ބައެއް ރައްކާ ކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ އިތުރު ވެއްޖެ ނަމަ ރިޒާވް ދާނީ ދަށްވަމުންނެވެ. ރިޒާވަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ހިސާބު ދައްކުވައިދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރިޒާވްގައި ހުރި މިންވަރު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމެވެ.

ރާއްޖޭގެ ރިޒާވުގައި ފަސް މަހަށްވާ އިމްޕޯޓު ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެވްރެޖުކޮށް ރިޒާވްގައި ތިން މަހުގެ އިމްޕޯޓަށްވާ ވަރަށް ފައިސާ ހުންނަން ޖެހޭނެ އެވެ.