08 ޖުލައި 2022 - 21:32

ގއ. ދާންދޫގައި މިރޭ އީދު މަޅި ރޯކުރަނިކޮށް ދެ ޒުވާނަކު ފިހިއްޖެ އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މަޅި ރޯކުރަނިކޮށް ފިހުނީ އެތަނުގެ ކައިރީގައި ތިބި ދެ މީހެއް ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ދެ މީހުންނަށް ވެސް ފަރުވާ ދޭން ޖެހުނެވެ.
އެތަނުން އެކަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އާސިފް ވިދާޅުވި ގޮތުގައި އެކަކު އެޑްމިޓްކޮށްގެން އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ކޮނޑާއި ފައިގެ އިތުރުން ވެސް އެކި ތަންތަން ފިހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އީދު މަޅިއަކީ ދާންދޫގައި ކޮންމެ އީދެއްގައި ވެސް ޒުވާނުން ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. ހިކި ފަނާއި ލަކުޑި އެއްކޮށްގެން ޖަހާ މަޅިއަކީ އީދު މުނާސަބަތުގެ ފެށުމެވެ. ގިނަ ރަށްތަކުގައި މިކަން ސަގާފީ ކަމެއްގެ ގޮތުގައި ކުރެ އެވެ.
ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ވަރަށް ގިނަ ރަށްތަކުގައި މި އަހަރު ކުލަގަދަކޮށް އީދު ފާހަގަކުރުމަށް އޮތީ ތައްޔާރުވެފަ އެވެ.