09 ޖުލައި 2022 - 06:51

ކުޑަކުދިންތަކެއް މަރުވުމުގެ ޒިންމާ ޓިކްޓޮކުން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރަން އެމެރިކާގެ ކޯޓަކަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.
ޓިކްޓޮކަށް ތުހުމަތުކުރަނީ އެ ޕްލެޓްފޯމްގައި ކުރިއަށްދާ "ބްލެކްއައުޓް ޗެލެންޖް" ކިޔާ ޗެލެންޖެއްގައި ބައިވެރިވި ކުޑަކުދިންތަކެއް އަމިއްލަ ނަފުސަށް ގެއްލުންދީ، މަރުވުމުގެ އެ ކުންފުނި ޒިންމާވާ ކަމަށެވެ. މިދިޔަ މަހު ހުށަހެޅި އެކި މައްސަލައިގައި ބުނީ އެ ޗެލެންޖުގައި ބައިވެރިވި ހަތް ކުޑަކުއްޖަކު މިދިޔަ އަހަރު މަރުވެފައިވާ ކަމަށެވެ.
ކަރުގައި ބާރަށް ބެލްޓު އެއްސުން ކަހަލަ ފުރާނާ އަށް ނުރައްކާވާ ކަންކަން ކުރަން އެ ޗެލެންޖުގައި ޔޫޒާސް އަށް އަންގާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުންޏެވެ.
މަރުވި ކަމަށް ބުނާ ހަތް ކުދިންނަކީ ވެސް 10-15 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ކުދިންގެ ބެލެނިވެރިން ވަނީ ވަކިވަކިން ކޮންމެ ކުއްޖެއް މަރުވި މައްސަލަ ބަލައިދޭން ކޯޓަށް ހުށަހަޅައިފަ އެވެ.
މީގެ ކުރިން ވެސް ޓިކްޓޮކްގައި ކުޑަކުދިންނަށް ދީފައިވާ އެކްސެސްތަކާ ގުޅިގެން ދައުވާކޮށް އަދި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ. މީގެ ތިން އަހަރު ކުރިން، 2019 ގައި، އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ބެލެނިވެރިންގެ ހުއްދަ ނެތި ޓިކްޓޮކް ބޭނުންކުރެވޭތީ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮނިޝަނުން ކޯޓަށް ހުށަހެޅި މައްސަލައެއް ވަނީ އެ ޕްލެޓްފޯމާ ދެކޮޅަށް ނިމިފަ އެވެ.
އެ މައްސަލައިގައި ޓިކްޓޮކަށް ޖޫރިމަނާގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.
އޭގެ އަހަރެއް ފަހުން ޓިކްޓޮކުން ވަނީ ބެލެނިވެރިންނަށް ކޮންޓްރޯލް ދިނުމުގެ ގޮތުން "ފެމެލީ ޕެއަރިން މޯޑް" ކިޔާ އެއްޗެއް ތައާރަފުކޮށްފަ އެވެ.