08 ޖުލައި 2022 - 17:44

ބަޑީގެ ހަމަލާއެއްގައި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯ އަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ތައުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އަބޭ އަވަހާރަވެއްޖެ ކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވި ކަމަށެވެ.
އަބޭ އަކީ ޖަޕާނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ އޭނާގެ ބޮޑުވަޒީރުކަމުގައި ރާއްޖެއާ އެކު، އޭގެ ކުރިން ދުވަހަކު ވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިގުތިސާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވި ކަމަށް ވިދާޅުވެފަ އެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އަބޭގެ އާއިލާއަށާއި ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހިންގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ފޮނުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އުމުރުން 67 އަހަރުގެ އަބޭ އަށް ބަޑިން ހަމަލާ ދިނީ މާދަމާ އޮންނަ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގައި ކެމްޕޭނުގައި ބޭއްވި އެއްވުމުގައި އާންމުންނާ ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. ޖަޕާންގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރު ކަމަށްވާ އަބޭ އަށް ހަމަލާ ދީފައި ވަނީ ފުރަގަހުން މެޔާ ދިމާލަށެވެ.