އިމިގްރޭޝަނުން އިއްޔެ އެކަނިވެސް 500 އަށް ވުރެ ގިނަ ޕާސްޕޯޓް ދޫކުރި
އިމިގްރޭޝަނުން އިއްޔެ އެކަނިވެސް 500 އަށް ވުރެ ގިނަ ޕާސްޕޯޓް ދޫކުރި

މި ދުވަސްވަރު ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، އިއްޔެ އެކަނި ވެސް 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ރޭ ދަންވަންދެން ޕޯސްޕޯޓް ދޫކުރުމުގެ ހިދުމަތް އެ އިދާރާއިން ދިން ކަމަށެވެ.

އިމިގްރޭޝަނުން ކުރިން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގެ ލުއިތައް ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެ ވެސް އިތުރުވެފައިވާ ކަމަށެވެ.

ކުރިން ޕާސްޕޯޓް ހެއްދުމަށް 200 އެއްހާ އެޕްލިކޭޝަން ދުވާލަކު ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް ބުންޏެެވެ.

އެހެންވެ، މިދިޔަ ދުވަސްތަކުގައި އިމިގްރޭޝަންގެ ހިދުމަތްތައް ދޭ ގަޑިތައް ވެސް އިތުރުކޮށްފައިވެ އެވެ.

އީދު ޗުއްޓީ އާއި ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށާއި ރާއްޖެއިން ބޭރަށް ދަތުކުރަމުން އަންނައިރު، އިއްޔެ ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ރިކޯޑް ވެސް ހަދައިފަ އެވެ. އިއްޔެ އެކަނި 3،300 މީހުން ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުކުރި އެވެ.