09 ޖުލައި 2022 - 10:03

މި އަހަރުގެ ބޮޑު އީދު ހާއްސަވާ އެތައް ސަބަބެކެވެ؛ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އެޅި ފިޔަވަޅުތަކުން އެއްކޮށް ވީއްލި އީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު މި ފަހަރު މިއޮތީ ލިބިފަ އެވެ. ރަށްރަށުގައި އީދުގެ ފޯރިގަދަކޮށްލަން ހިފާފައި ހުރިއިރު އީދުގެ ކުޅިވަރުތައް ބެލުމަށް އެކި ރަށްރަށަށް މީހުން ވަނީ ގޮސްފަ އެވެ. މާލެ އޮތީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

ބޮޑު އީދަކީ އާންމުކޮށް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ފޯރި ނަގާ އީދެކެވެ. އަވަށުގެ ވާދަވެރިން ގަދަ ރަށްރަށުގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ފޯރި ނެގުމަށް މަސައްކަތްކުރާއިރު ސިޔާސީ ވާދަވެރިކަން ދުރުކޮށްލައި އީދުގެ ފޯރީގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.

މި ރިޕޯޓުގައި ފާހަގަމިކޮށްލަނީ މިފަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ފޯރިގަދަވާނެ ބައެއް ރަށްރަށެވެ.
ހއ. ބާރަށަކީ އަބަދުވެސް ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަކުރާ ރަށެކެވެ. ދެ އަވަށުގައި ވަކިވަކިން އީދުގެ އުފާ ފާޅުކުރާއިރު މިފަހަރުގެ އީދުގައި ބައިވެރިވުމަށް ގިނަ ބަޔަކު ވަނީ އެރަށަށް ގޮސްފަ އެވެ.
ސަގާފީ އެކި ކުޅިވަރުތައް އޮންނަ ބާރަށު ކައުންސިލްގެ ރައީސް ސޮއްފަތު މުހައްމަދު ވިދާޅުވީ އެ ރަށުގެ ދެކުނު އަވަށު މީހުން ރޭ އީދުގެ ހަރަކާތްތައް ފަށާފައިވާ ކަމަށެވެ. ދެކުނު އަވަށުގެ ހަރަކަތްތައް އޮތީ މިއަދުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށެވެ.
ސޮއްފަތު ވިދާޅުވީ އެ ރަށުގައި ތާރަ ޖެހުމާއި ކޯޑި ގެންދިއުމާއި ދަފި ނެގުމާއި އީދު ޝޯ ވެސް އެބަ އޮތް ކަމަށެވެ. އަދި މަސް ރޭހާއި އެކި ކަހަލަ ކުޅިވަރުތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ.
ޒަމާނުއްސުރެ އެރަށުގައި އީދު ފޯރި ނަގަނީ ދެ އަވަށުގެ މެދުގައި ކަމަށްވާތީ އެއް ބަޔަކަށް ވުރެ ކުލަ ގަދަކޮށް ފާހަގަކުރުމުގެ ވާދަވެރިކަން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަހަރުގެ އީދުގައި ބައިވެރިވުމަށް އެ ރަށަށް ވެސް ގިނަ ބަޔަކު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެެވެ.
ކުޅުދުފުއްޓަކީ ވެސް ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެ ރަށުން ތައްޔާރުވެފައިވާއިރު އެ ރަށުގައި އޮތީ ތަފާތު ނަންތަކެއްގެ ތަފާތު ހަރަކާތްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންދު ދުއްވުމާއި ރާނީ ހިނގުމާއި މަށިމާލި ޕެރޭޑާއި ބޮޑު ފައިވާން ހިނގުން އަދި ހިއްޗަށްވަޑައިގަތުން ކަހަލަ ހަރަކާތްތަކެވެ. އަދި އީދު ޝޯ އާއި ވާދަމުން ކަހަލަ ހަރަކާތްތަކެއް ވެސް އެބަ އޮތެވެ.
އޭގެ ތެރެއިން ރާއްޖޭގެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ މަށިމާލި ޕެރޭޑަށެވެ. އެއީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ސިޔާސީ އެކި ކުލަވަރު ވެސް އެއިން ފެނިގެންދާ ގޮތަށް ކުރިއަށް ގެންދާ ޕެރޭޑެކެވެ. އޭގެ އިތުރުން ވެސް ރަސްރަސްކަލުންގެ ޒަމާނުގެ މަންޒަރުތައް ކުޅުދުއްފުށީ އީދު ހަރަކާތުން ފެންނާނެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ މިއަހަރުގެ ހަރަކާތުގައި ކައުންސިލުން ތަންކޮޅެއް ބޮޑަށް އިސްވެ މަސައްކަތްކޮށްފައި ވަނީ ސަގާފީ ގޮތަކަށް ކުލަގަދަކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުންނާއި ރިސޯޓުތަކުގައި އުޅޭ ގިނަ ބަޔަކު ވެސް މިފަހަރުގެ ހަރަކާތުގައި ބައިވެރިވުމަށް އެރަށަށް ގޮސް އެބަ އުޅެ އެވެ.
މިފަހަރު އެންމެ ފޯރިގަދަވާނެ އެއް ރަށަކީ ދަރަވަންދޫ އެވެ. އެ ރަށުގެ އީދު ހަރަކާތްތައް ބެލުމަށް ގިނަ ބަޔަކު އެރަށަށް ގޮސް ތިބިއިރު މުޅި ރަށް އޮތީ ފުރިފަ އެވެ. ނައިބް ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ބޮޑު އީދު ފާހަގަކުރުން ވެސް އޮތީ ދަރަވަންދޫގަ އެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވި ގޮތުގައި އެ ރަށުގައި ރޭ ވަނީ ހަވާ އެރުމާއި އީދު ހުޅު ޖެހުން ކުރިއަށް ގެންގޮސްފަ އެވެ.
"މިއަދު ފަތިސް ނަމާދުން އަޅުގަނޑުމެން އީދުގެ ހަރަކާތްތައް ފެށުނީ. ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައި ސައި އޮންނާނެ އެންމެނަށް،"
އޭނާ ވިދާޅުވި ގޮތުގައި މަންޑި ކުޅުމާއި ކުރު ފަލި ޖެހުމާއި މަންގަލަން ދަނޑި އާއި ބޮޑު މަސް ބޭނުމާއި ފެންކުޅި އަދި އާއިލީ ހަވީރެއް ވެސް އެރަށުގައި އޮންނާނެ އެވެ. އަދި އަވަށްޓެރި މަލިކުގެ 17 މީހުންގެ ޓީމެއް ޝޯ ދީ އީދު ހަރަކާތުގައި ބައިވެރިވުމަށް އެރަށަށް ވަނީ ގޮސްފަ އެވެ.
"މިރަށުގައި ހެނދުނާއި މެންދުރާއި ހަވީރާއި ރޭގަނޑު ހަރަކާތްތައް އޮންނާނެ. ޝޯ ދޭން މަލިކު ޓީމުގެ އިތުރުން ފިލްމު ކުޅޭ ފަރީލާމެންނާއި ރަސްދޫ މިއުޒިކް ޓީމު އެބަ އުޅޭ،" ސަމީހް ވިދާޅުވި އެވެ.
އެހެން އަހަރުތަކާ ހިލާފަށް ދަރަވަންދޫގައި މިއަހަރު ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށް ނިންމިއިރު އެ ހަރަކާތްތައް 14 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. އެންމެ ފަހު ދުވަހު ހަރަކާތްތައް ނިންމާލުމަށް ކޯނޑި ޕެރޭޑެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މާލޭ ސަރަހައްދުގައި ބޮޑު އީދުގެ އެންމެ ފޯރިގަދަވާނީ މާފުށީގަ އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވި ގޮތުގައި އެރަށުގައި ވެދުމާއި ދިއުމާއި މާލި ނެރުމާއި ބޮޑު މަސް ނެރުމާއި ކޯޑި ނެރުން ކަހަލަ އެކި ހަރަކާތްތައް އެބަ އޮތެވެ. އަދި ތިން ދުވަހަށް ވޯޓާ ޕާކެއް ހުޅުވުމަށް ނިންމާފައިވާއިރު އޭގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަވާއެރުމުގެ ހަރަކާތްތަކާ އެކު މާފުށީގައި އީދު ކުލަ ގަދަކޮށް ފާހަގަކުރަމުން ނިންމިއިރު މިއުޒިކް ޝޯ ވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ޔާރާ ގްރޫޕާއި ސޮފޫރާ އެންޑް ފްރެންޑްސް ބޭންޑާއި ޓްރެފިކް ޖޭމް އަދި މާފުށީ ސަގާފީ ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތައް އޮންނާނެ އެވެ.
ފީއަލީގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު އޮންނާނެ އެވެ. މިވީހާ ދުވަހު ޖަމިއްޔާތަކުގެ މެދުގައި އޮންނަ މައްސަލަތަކާއި ސިޔާސީ ކަންކަމާ ހުރެ އެންމެން ގުޅިގެން އީދު ފޯރި ނެގުމުގެ ފުރުސަތު އެރަށަކު ނޯވެ އެވެ.
އެކަމަކު އެންމެން އެއް މޭޒަކަށް އަރައި މައްސަލަތައް ހައްލުކޮށް މިފަހަރުގެ އީދު ފާހަގަކުރަނީ ހުރިހާ މުވައްސަސާތަކާއި ޖަމިއްޔާތައް ވެސް ގުޅިގެން ނިކުމެވެ އެވެ.
ފީއަލި ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ފަތިސް ނަމާދާ އެކު އީދުގެ ހަރަކާތްތައް ފެށޭނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް އެ ރަށުުގައި އޮންނާނީ ކައުންސިލަށް ގޮސް އީދު ހުއްދަ ނެގުން ކިޔާ ހަރަކާތެކެވެ.
އޭގެ ފަހުގައި ކުލަ ޖެހުމުގެ ހަރަކާތްތައް ފެށޭނެ އެވެ. އަދި މެންދުރު ބޮޑު ޖާފަތެއް އޮންނާނެ އެވެ. ހަވީރު ވަގުތު އާންމުން ބާއްވާ އެކި ކަހަލަ ކުޅިވަރުތައް އޮންނާނެ އެވެ. ބޮޑު ބެރާއި މާލި ނެގުން އަދި ބީރު ނެގުން ކަހަލަ ކުޅިވަރުތައް ތިން ދުވަހަށް ދެމިގެންދާނެ އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި މަންޑި ކުޅުމާއި ދަފި ނެގުން އަދި ބޮޑު ފަލި ޖެހުމާއި ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ.
"އިތުރު ކުޅިވަރުތައް ވެސް ހުންނާނެ އަންހެނުންނާއި ފިރިހެނުންނަށް ވެސް. ވަރަށް ޒަމާންތަކަކަށް ފަހު އެންމެން ގުޅިގެން މިހާ ކުލަގަދަކޮށް މި އީދު ފާހަގަކުރަނީ."
އެ ރަށުގައި ވެސް މިއުޒިކް ޝޯ އޮންނާނެ އެވެ. އޭގައި ރާއްޖޭގެ މަޝްހޫރު ޔާރާ ގްރޫޕްގެ ޕާފޯމަންސްތައް ވެސް އޮންނާނެ އެވެ.
އެ ރަށްތަކުގެ އިތުރުން ނ. ވެލިދޫ އާއި ރ. މީދޫ އަދި އދ. މަހިބަދޫ އާއި ގއ. ވިލިނގިލި ކަހަލަ ރަށްރަށުގައި އީދުގެ ފޯރި ވަރަށް ގަދަ އެވެ.