މިދިޔަ މަހު މީރާ އަށް 2.32 ބިލިއަން ރުފިޔާ
މިދިޔަ މަހު މީރާ އަށް 2.32 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން މިދިޔަ މަހު 2.32 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އެ އަދަދަކީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 95.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި އެއީ އަންދާޒާ ކުރި ވަރަށް ވުރެ 74.1 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާ އިން ބުނީ އަންދާޒާ ކުރި ހިސާބުތަކަށް ވުރެ ލިބުނު ފައިދާ އިތުރުވެފައި ވަނީ ބޭންކްތަކުންނާއި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި ސަރުކާރުން އަލަށް ކުއްޔަށް ދޫކުރި ރަށްރަށުގެ ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީ ޖުލައި 2022 ގައި ލިބިފައިވުމުން އާމްދަނީ އިތުރުވެފައިވާކަމަށް ވެސް މީރާ އިން ބުނެ އެވެ،

މީރާ އިން ބުނީ މި ދިޔަ އަހަރު ޖޫން މަހު ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާއި ދިމާވުމުގެ ސަބަބުން ޖުލައި މަހަށް ފަސްކޮށްފައި އެ ސުން ގަޑިތައް ފަސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ދަޔަ އަހަރު އެ މަހުން ލިބެން ޖެހޭ އާމްދަނީ ޖުލައި މަހަށް ފަސްވުމުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީ ދަށްވެފައިވާ ކަމަށް މީރާ އިން ބުންޏެވެ. އަދި މިދިޔަ އަހަރު މޭ މަހާ އަޅާ ބަލާއިރު، މި އަހަރު އެ މަހުގައި ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ވަރު 94.3 ޕަސެންޓަށް ވަނީ އިތުރު ވެފައެވެ. އެހެންކަމުން، ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރު ވެފައެވެ.

މީރާ އިން ބުނީ މި އަހަރުގެ ޖޫން މަހު މީރާއިން ބަލައިގަތް ޓެކްސް އިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ އިންކަމް ޓެކްސް އިން ކަމަށެވެ. އިންކަމް ޓެކްސް އިން 36.5 ޕަސެންޓުގެ އާމްދަނީ އެއް ލިބިފައި ވެއެވެ. އެއީ 846.62 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް މި ދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ޖީއެސްޓީ އިންނެވެ އެއީ 26.2 ޕަސެންޓެވެ. އެއީ 607.18 ރުފިޔާގެ އާމްދަނީ އެކެެވެ.

މީރާ އަށް މި ދިޔަ މަހު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީ ގެ ގޮތުގައި 154.57 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.