ސަމާލުކަންދޭންވީ ރެކޯޑަކަށް ނޫން، ތަށްޓަށް: ކޮންޓޭ
ސަމާލުކަންދޭންވީ ރެކޯޑަކަށް ނޫން، ތަށްޓަށް: ކޮންޓޭ

ލަންޑަން (ޖެނުއަރީ 1) – ޗެލްސީން ކިތަންމެ ވަރަކަށް ރެކޯޑް ހެދިޔަސް، ޕްރިމިއާ ލީގު ތަށި ނުހޯދޭ ނަމަ ރެކޯޑުގެ އެއްވެސް ބޭނުމެއް ނޯންނާނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރޭ ސްޓޯކް ސިޓީ އަތުން 4-2 އިން ހޯދި މޮޅާ އެކު ޗެލްސީ ވަނީ 2001/2002 ގެ ސީޒަނުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެގެން އާސެނަލް ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑު ވެސް ދަމަހައްޓައިފަ އެވެ. އެ ޓީމު 49 ޕޮއިންޓް ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 10 ޕޮއިންޓް ފަހަތުގައި، 39 ޕޮއިންޓާ އެކު އެވެ.

"ކުޅުންތެރިން ތިބީ އާދާޔާހިލާފު ފޯމެއްގައި. އަހަރެން މި ކުޅުންތެރިންނާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. އެކަމަކު ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ސީޒަނުގެ ދެ ވަނަ ހާފަށް. ކިތަންމެ ރެކޯޑްތަކެއް ހެދިޔަސް އަހަރެމެންނަށް ލީގު ކާމިޔާބުނުކުރެވެންޏާ އޭގައި އުފަލެއް ނެތް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އޮކްޓޯބަރު މަހުގެ 1 ގައި އެ ޓީމު ހޯދަން ފެށި މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ސީޒަނުގެ ފުރަތަމަ ބަޔާ ބަލާއިރު ދެ ވަނަ ބައި ވަރަށް އުނދަގޫވާނެ ކަމަށް އޭނާ ލަފާކުރި އެވެ.

"އަހަރެމެން ސީޒަން ފެށީ ބަލި ޓީމެއްގެ ގޮތުގައި. މިހާރު ހުރިހާ ސަމާލުކަމެއް ހުރީ މި ޓީމަށް. މިކަން އެނގި ތިބެ، އެބަ ޖެހޭ ހުރިހާ މެޗެއް ކާމިޔާބުކުރެވޭނެ ހަގީގީ ފޯމިއުލާ ހޯދުމުގެ މަސައްކަތްކުރަން،" ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ 34 ވަނަ މިނެޓުގައި ގެރީ ކޭހިލް އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ސްޓޯކުން ވަނީ މާޓިންސް އިންޑީގެ ގޯލުން އެއްވަރުކޮށްފަ އެވެ. ޗެލްސީ އަށް އަލުން ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި ވިލިއަން އެވެ. ސްޓޯކުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 64 ވަނަ މިނެޓުގައި ޕީޓާ ކްރައުޗުގެ ގޯލުންނެވެ. އެކަމަކު ފަހުން ވިލިއަން އާއި ޑިއޭގޯ ކޮސްޓާ ވަނީ ޗެލްސީ އަށް ލީޑު ހޯދައިދީ ތަފާތު ބޮޑުކޮށްދީފަ އެވެ.

"ލީޑު ނަގާތަނުން އިދިކޮޅު ޓީމުން އެއްވަރުކުރުމުން އަލުން އެ ހިތްވަރު ނެރުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަންނަކީ ކުރީގެ ކުޅުންތެރިޔެއް. އެހެންވެ އަހަންނަށް އެކަން އެނގޭ. ޗެލްސީން މިރޭ އެ ހިތްވަރު ދެ ފަހަރު ނެރެފި. މި ކުޅުންތެރިންގެ ހިތްވަރަށް އަހަރެން ސާބަސް ދެން،" ކޮންޓޭ ބުންޏެވެ.