08 ޖުލައި 2022 - 08:22

ޖަޕާނުގެ އެކުއޭރިއަމްއެއްގައި ގެންގުޅޭ ޕެންގުއިންތަކެއް، އެ އެއްޗެއްސަށް ކާންދިނުމަށް އަގުހެޔޮކޮށް ގަތް މަސްތަކެއް ކެއުމަށް ދެކޮޅު ހަދައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، އެ އެކުއޭރިމްގައި ކުރިން އެ ޕެންގުއިންތަކަށް ކާންދެމުން އައީ ވަރަށް އަގުބޮޑުކޮށް ގަނެގެން ކާންދިން މަހެއް ކަމަށްވާ "ހޯސް މެކެރެލް" އެވެ. އެކަމަކު، އެ ގައުމުގައި އިންފްލޭޝަން މައްޗަށް ގޮސް، ތަކެތީގެ އަގުބޮޑުވަމުން ވާތީ އަގުހެޔޮކޮށް މަސް ގަނެގެން ކާންދޭން އުޅުމުން އެ ނުކެއި ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޖަޕާނުގެ ނޫސްތަކުން ހަދާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް ޕެންގުއިތައް އެ މަސް އަގަށް ލައި، ހަފާލުމަށް ފަހު ނެރެ އެއްލައިލަ އެވެ. އަދި ބައެއް ޕެންގުއިންތައް އެ އަނގަޔަށް ލާން ވެސް ދެކޮޅު ހަދަ އެވެ.
އެންމެފަހުން، އަގުބޮޑުކޮށް މަސް ގަނެގެން ކާންދޭން އެ މީހުންނަށް ވަނީ މަޖުބޫރުވެފައި ކަމަށް ބުންޏެވެ.
ޖަޕާނުގައި އިންފްލޭޝަން މައްޗަށް ދާއިރު، "ހޯސް މެކެރެލް" އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށާއި އެ މަސް ބަނާ މިންވަރު ވެސް މިހާރު ވަރަށް މަދު ކަމަށް ރިޕޯޓްތައް ބުންޏެވެ.