08 ޖޫން 2016 - 07:31

އަމިއްލަ އަށް ނޭވާ ހާސްކޮށްލަންޖެހޭ ގޭމެއް އިންޓަނެޓުން ކުޅެނިކޮށް 12 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ދިރިއުޅޭ ކާނެލް ހޫޓަން މަރުވީ ނޭވާ ހާސްވެގެން ހޭނެތިފައި އޮވެގެން ކަމަށް އޭނާގެ އެކުވެރިންނާއި އާއިލާގެ މީހުންނާ ހަވާލާދީ ޓެލެގްރާފް ނޫހުގައި ބުނެފައިވެ އެވެ.
ފުލުހުން މި މައްސަލަ ބަލަނީ ހަގީގަތް ނޭނގޭ މަރެއްގެ ގޮތުގަ އެވެ. އަދި ކުއްޖާ މަރުވި ހަގީގީ ސަބަބު އޮޅުންފިލުވަން ތަހުގީގު ވަނީ ފަށާފަ އެވެ.
އެ ކުއްޖާ ޚަބަރު ހުސްވެ ނޭވާ ހާސްވެފައި ކޮޓަރީގައި އޮއްވާ ފެނުނީ އޭނާގެ މަންމަ އަށެވެ. ހޮސްޕިޓަލަށް ގެންދިޔަތަނުން ކުއްޖާ މަރުވީކަމަށް އާއިލާގެ މީހުން ބުނެ އެވެ.
މި ކުއްޖާ ކުޅުނު ގޭމްގައި ހަދަންޖެހޭ ގޮތަކީ އަމިއްލައަށް ނޭވާ ހާސްކޮށްލައިގެން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އެ ވީޑިއޯ ޕޯސްޓް ކުރުމެވެ.
ކާނެލް އަކީ ވަރަށް އުފާވެރިކޮށް އޭނާގެ ބޭބެ އާއި ދައްތައާ އެކު ދިރިއުޅުނު ކުއްޖެއް ކަމަށާއި މަރުވުމުގެ ކުރިން ކުޅުނީ އަމިއްލައަށް ނޭވާ ހާސްކޮށްލާ ގޭމް ކަމަށް އާއިލާގެ އެކުވެރިއަކު ބުނެފައިވެ އެވެ.
ކޮންމެ ކުއްޖަކާ ވެސް ވަރަށް ރީތިކޮށް ވާހަކަ ދައްކާތީ ސްކޫލްގައި ވެސް ކާނެލްގެ މަގްބޫލުކަން ވަރަށް ބޮޑު ކަމަށް ވެސް އާއިލާއިން ބުނެ އެވެ.