ވިލިނގިލި މެމްބަރު ސައުދު އެމްޑީޕީއަށް ސޮއިކުރައްވައިފި
ވިލިނގިލި މެމްބަރު ސައުދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

މަޖިލީހުގެ ދެ ވަނަ ދައުރަށް އޭނާ އިންތިހާބުވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ. ފުރަތަމަ ދައުރުގައި މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރެއްވުމަށް ފަހު އެ ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވައި ވަކިވެވަޑައިގެން މަސައްކަތް ކުރެއްވީ އިދިކޮޅު ޕާޓީތަކާ އެކުގަ އެވެ.

ސައުދު އެމްޑީޕީއަށް ސޮއިކުރެއްވި ކަން ރަސްމީކޮށް އޭނާ އަދި ޕާޓީން ވެސް އިއުލާނެއް ނުކުރެ އެވެ. އޭނާގެ ފޯމު އެމްޑީޕީއަށް ފޮނުވާފައި ވަނީ، އެ ދާއިރާ އިން ސޮއިކުރި މެމްބަރުންތަކެއްގެ ފޯމާ އެކުގައި ކަން އެނގިފައިވެ އެވެ.

ސައުދު ސޮއިކުރެއްވި ފޯމު ސޯޝަލްމީޑިއާގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތުމާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު މަޖިލީހުގައި 66 އަށް އެރީ އެވެ.

ސަރުކާރުގައި މިހާރު ތިބި ކޯލިޝަން އިދިކޮޅުގައި އޮތް އިރު ސައުދު އިސްކޮށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އިދިކޮޅު ގިނަ ބަޔަކު ޖަލަށް ދާން ޖެހުނުއިރު ސައުދު ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލަށް ލި އެވެ.

އޭނާ ހިމެނިވަޑައިގަތީ އޭރު ގޮނޑި ގެއްލުނު ކަަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރޭގަ އެވެ. އެއީ، މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން އެ ކޯޓުން ނިމުނީ ގޮނޑި ގެއްލުވާލީ ގޯސްކޮށް ކަމަށެވެ.