08 ޖުލައި 2022 - 08:17

ބޮލީވުޑް އެކްޓަރެއް ކަމަށްވާ ރަންބީރް ކަޕޫރާއި ވާނީ ކަޕޫރް ލީޑު ރޯލު ކުޅޭ ފިލްމު "ޝަމްޝޭރާ"ގެ އާ ލަވައެއް ނެރެފި އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް އާއި ނީތީ މޯހަންގެ އަޑުން ކިޔާފައިވާ "ފިތޫރު" ކިޔާ އެ ލަވަ އަކީ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ހިތްގައިމު އެ ލަވައިގެ މިއުޒިކް ކޮމްޕޯޒްކުރީ މިތޫންނެވެ. މީގެ ކުރިން ވަނީ އެ ފިލްމުގެ އެހެން ލަވައެއް ވެސް ނެރެފަ އެވެ.
ފުރަތަމަ ފަހަރަށް ވާނީ އާއި ރަންބީރް އެކުގައި ފެންނައިރު، އެ ފިލްމުގައި ވާނީ ފެންނާނީ ރަންބީރްގެ ލޯބިވެރިޔާގެ ރޯލުންނެވެ.
"ޝަމްޝޭރާ" އަކީ ރަންބީރް މުޅިން ތަފާތު ގޮތަކަށް ފެންނާނެ ފިލްމެކެވެ. އިނގިރޭސީގެ އަތް ދަށުން މިނިވަންކަން ހޯދުމަށް ރަންބީރު އިސްވެ ކުރާ މަސައްކަތް އެ ފިލްމުގައި ދައްކާއިރު، އެ މަސައްކަތަށް ސަންޖޭ ދަތު ހުރަސް އަޅާ މަންޒަރު އެ ފިލްމުގެ ޓްރެއިލާ އިން ފެނެ އެވެ.
ހިންދީ އާއި ތަމަޅަ އަދި ތެލުގޫ ބަހުން ނެރޭ އެ ފިލްމު ރިލީޒްކުރާނީ މި މަހު 22 ގަ އެވެ.