ބަރަހަނާ ވީޑިއޯ މައްސަލާގައި ފުލުހަކު ސަސްޕެންޑްކޮށްފި
ބަރަހަނާ ވީޑިއޯ މައްސަލާގައި ފުލުހަކު ސަސްޕެންޑްކޮށްފި

އެއް ޖިންސުން ގުޅުން ހިންގަނީ ކަަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފުލުހެއްގެ ވީޑިއޯ ލީކުކޮށްލުމާ ގުޅިގެން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.

އާއްމުންގެ ފާޑުކިއުން އަމާޒުވެފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭގައި ޝާމިލުވާ ފުލުސް މީހާގެ މައްސަލަ އެ އިދާރާގެ ކަމާބެހޭ ޑިޕާޓަމަންޓްތަކުން ބަލަމުން އަންނަ ކަމަށެވެ.

"އެ މައްސަލާގައި ޖިނާއީ ތަހުގީގެއްގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބަލަމުންދާއިރު، ތުހުމަތުކުރެވޭ ޕޮލިސް އޮފިސަރު ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ފުލުސް މީހާގެ ވީޑިއޯ ލީކުކޮށްލާފައި މިވަނީ މިފަދަ ވީޑިއޯތަކަކާ ގުޅިގެން ބްލެކްމެއިލްކުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އެ ވީޑީއޯތަކުން ފެންނަނީ، ބަންގްލަދޭޝްގެ މީހަކާ އެކު، މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ތެރޭގައި ތިބޭ މަންޒަރެވެ. ސަސްޕެންޑްކުރި ފުލުސް އޮފިސަރުގެ ވީޑިއޯ ވެސް ނަގާފައި ވަނީ ހަމަ އެތަނުގަ އެވެ.

އެ ކޮޓަރި ތެރޭގައި ބިދޭސީ މީހާއާ އެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ކަމަށް ބުނެ މީގެ ކުރިން ދެ މީހެއްގެ ވީޑިއޯ ލީކުކޮށްލާފައިވެ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތަރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ނާޒިމް ވަނީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި ނަޝީދު ވިދާޅުވެފައި ވަނީ އޭނާ އެ ކޮޓަރިއަށް ގެންދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ބުނެ އޮޅުވަލައިގެން ކަމަށެވެ. އަދި އޭނާ އަށް ބްލެކްމެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުނު ކަމަށް ވިދާޅުވެ، އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިންކާރުކުރެއްވި އެވެ.

އެ ދެ މީހުންގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ ކޮޓަރިން ފެންނަ ކަމަށް ބުނާ ބިދޭސީ މީހާ އާއި ނާޒިމް ސައްތާރުގެ އިތުރުން ނަޝީދުގެ ޕާސްޕޯޓް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

ބިދޭސީ ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވަމުން ދާއިރު އަދި އާންމުނުވާ އެތައް ބައެއްގެ ވީޑިއޯ ހުރި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ޒިންމާދާރު އެކި މަގާމުތަކުގައި އުޅޭ މީހުން ހިމެނޭކަން ވެސް އެނގިފައިވެ އެވެ.