ސިޓީ ބަލިކޮށް ލިވަޕޫލް ދެ ވަނައިގައި ހަމަޖެހިލައިފި
ސިޓީ ބަލިކޮށް ލިވަޕޫލް ދެ ވަނައިގައި ހަމަޖެހިލައިފި

ލިވަޕޫލް (ޖެނުއަރީ 1) – ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ހަނގުރާމައިގައި ޗެލްސީއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ރޭ ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް ލިވަޕޫލުން އެ މަސައްކަތުގައި ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

އެއް ވަނައިގައި 49 ޕޮއިންޓާ އެކު އޮތް ޗެލްސީއާ ހަ ޕޮއިންޓް ފަހަތުގައި ލިވަޕޫލް އަދިވެސް އޮތްއިރު ރޭގެ މޮޅާ އެކު އެ ޓީމު މިވަނީ ދެ ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަދި ތިން ވަނައިގައި 39 ޕޮއިންޓާ އެކު އޮތް ސިޓީ މިވަނީ ޗެލްސީއާ 10 ޕޮއިންޓް ފެއަށް ޖެހިފަ އެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި 2003 ވަނަ އަހަރުގެ ފަހުން ސިޓީ އަށް މޮޅުނުވުމުގެ ސިލްސިލާ އަށް ރޭ މެޗެއް އިތުރުވެގެން ދިޔައީ 8 ވަނަ މިނެޓުގައި ޖެއޯޖީނިއޯ ވެންނަލްޑަމް ޖެހި ހަމައެކަނި ގޯލުންނެވެ. އެޑަމް ލަލާނާ ނެގި ހުރަސް ވެންނަލްޑަމް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ދެ ވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅު ކުރި ނަމަވެސް ލިވަޕޫލުގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ އަށް ނުރައްކަލެއް ނުކުރެވުނެވެ.

ލިވަޕޫލުގެ ހުރިހާ ވިސްނުމެއް މިވަގުތު ހުރީ މި މަހުގެ 31 ވަނަ ދުވަހު އެންފީލްޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓަށެވެ. ޗެލްސީގެ މިވަގުތުގެ ފޯމަށް ބަލާއިރު، އެ ޓީމާ ތިން ޕޮއިންޓް ގާތްކުރަން ލިވަޕޫލަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު އެއީ ކަމަށް ބެލެވެ އެވެ.

މި މަހު ކުރީކޮޅު ބޯންމައުތު އަތުން 4-3 އިން ބަލިވެ އަދި ވެސްޓް ހޭމް ޔުނައިޓެޑާ 2-2 އިން އެއްވަރުވެ ލިވަޕޫލް ކުޑަކޮށް އަޑިއަޅާލި ނަމަވެސް އެ ޓީމު މިވަނީ އަނެއްކާ ވެސް ކުރީގެ ފޯމަށް އެޅިފަ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ޖެހިޖެހިގެން ހަތަރު މޮޅު ހޯދައިފަ އެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސީޒަނުގެ ފަހުކޮޅު ނޫނީ އޭނާ ޗެމްޕިއަންކަމާ މެދު ނުވިސްނާނެ ކަމަށެވެ. އަދި ސަމާލުކަން ދެނީ މެޗުތަކުން މޮޅުވަމުންދާ ކަމަށާއި އޭރުން ސީޒަން ނިމޭއިރު އެ ހިސާބުގައި އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ސީޒަން ނިމެން ހަޔެއްކަ މެޗަށްވީމާ ދެން ވިސްނިދާނެ ތަށްޓާ މެދު. އެކަމަކު މިހާރު އޮތީ ވީހާ ވެސް ގިނައިން ޕޮއިންޓް އެއްކުރުން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ރޭގެ މެޗުގައި އެހާ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ހޯދީ ލިވަޕޫލުން ކަމަށެވެ. އަދި ޑިފެންސާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންްގެ ކޮންސެންޓްރޭޝަން ލެވެލާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

ރޭގެ މޮޅާ އެކު ކްލޮޕް މިވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކުރިން ކްލޮޕް ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން އިރު އަދި ގާޑިއޯލާ ބަޔާން މިއުނިކުގައި ހުރިއިރު ދެ ކޯޗުން ވަނީ އަށް ފަހަރު ބަދަލުކޮށްފަ އެވެ. ހަތަރު ފަހަރު ކްލޮޮޕް މޮޅުވިއިރު، އަނެއް ހަތަރު ފަހަރު ގާޑިއޯލާ ކުރި ހޯދި އެވެ. ރޭގެ މޮޅާ އެކު ކްލޮޕް މިވަނީ ގާޑިއޯލާއާ ދެކޮޅަށް ފަސް ވަނަ މޮޅު ހޯދައިފަ އެވެ.

ރޭގެ މެޗާ ބެހޭގޮތުން ގާޑިއޯލާ ބުނީ މިއީ ހަމަހަމަ މެޗެއް ކަމަށާއި އުނދަގޫވެގެން ދިޔައީ ފުރަތަމަ ހާފުގެ ގޯލާ އެކު ކަމަށެވެ. އަދި ލިވަޕޫލުގެ ކައުންޓާ އެޓޭކް ގޭމުގެ ސަބަބުން އުނދަގޫވެގެން ދިޔަ ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ސިޓީގެ ކުުޅުން ރަނގަޅުވި ކަމަށް އޭނާ ބުންޏެވެ.

"ދެން އޮތީ އަނެއް މެޗަށް ހޭލުން. އަނެއް މެޗަށް ސަމާލުކަންދީގެން މަސައްކަތްކުރަންވީ ވަގުތު މިއީ. އަދި ނެތް ޕްރިމިއާ ލީގާ މެދު ވިސްނޭކަށް،"