07 ޖުލައި 2022 - 12:58

ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށް ދަނިކޮށް، ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރެގެން ގޮސް އަޑުއުފުލައި ފުލުހުންގެ ސަފުތައް ފަޅާލައި ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު އިސްމާއިލްގެ ބަންދަށް ކްރިމިނަލް ކޯޓުން މިފަހަރު އިތުރުކުރީ 30 ދުވަހެވެ. މިއީ ހަމަނުޖެހުމާ ގުޅިގެން އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.
ޔޯގާ ހަމަނުޖެހުމަށް ގެންދަން ޕީޕީއެމްގެ އޮފީހުން ދިދަ ދޫކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މުހައްމަދު އިސްމާއިލެވެ. ދަނޑުގައި ޔޯގާ ހަރަކާތް ހިންގި ދުވަހުގެ ރޭ ފަތިހު އޭނާ ދިދަ ދޫކުރާ މަންޒަރު ފެންނަ ފޮޓޯ ވެސް ވަނީ އާއްމުވެފަ އެވެ.
ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ"އިގައި ޕީޕީއެމްގެ ބައިވެރިވުން ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. މިކަން އެ ޕާޓީން ދޮގުކޮށްފައި ވަނިކޮށް، ފުލުހުންގެ ތަހުގީގުން އެކަން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޒާރުދީފަ އެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން އެ ހަމަނުޖެހުމާ ގުޅިގެން ޝޭހް އާދަމް ނިޝާނާއި ޝޭހް ފަޒްލޫން މުހައްމަދުގެ އިތުރުން އިތުރުން ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސް ދުވަސް ޖަހާފައިވެ އެވެ.
މި ހަމަނުޖެހުން ހިންގަން ދަނޑަށް ވަދެގަންނަން ފުރުސަތު ލިބުނީ ފުލުހުންގެ ފެއިލިއާއަކުން ކަމަށް ތުހުމަތުކުރަނިކޮށް، އެ މުއައްސަސާ އިން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ޚާއްސަ އިންކުއަރީއެއް ދަނީ ހިންގަމުންނެވެ.