07 ޖުލައި 2022 - 13:48

އުތުރާއި މެދުރާއްޖެތެރޭގެ މޫސުން މާދަމާއިން ފެށިގެން ގޯސްވާން ފަށާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އުތުރާއި މެދުރާއްޖެ ތެރެއަށް 10-20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވިޔަސް އެހެން ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ބޮޑު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. ހައްޖު ދުވަހާއި އީދު ދުވަހުގެ މުނާސަބަތުތަކާއި ހަފުތާ ބަންދާއެކު ނުވަ ދުވަސް މި ފަަހަރު ބަންދަށް ލިބެ އެވެ. އީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ 17 ގަ އެވެ.
އޭގެ އިތުރުން މިއީ ސްކޫލު ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ. ނަމަވެސް މެޓުން ބުނީ މޫސުން ރަނގަޅުވާން ފަށާނީ ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.
އީދު ބަންދާ އެކު ގައުމީ އެއާލައިނަށް ބާރުބޮޑުވެ މޯލްޑިވިއަންގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ހުރިހާ ގެސްޓްހައުސް އެއްހެން ވަނީ ފުލްވެފަ އެވެ.