ހައި ކޯޓަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒާއި އިތުރު ބޭފުޅަކު އައްޔަންކުރަނީ
ހައި ކޯޓަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒާއި އިތުރު ބޭފުޅަކު އައްޔަންކުރަނީ

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އާއި އިތުރު ބޭފުޅަކު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން މ. ގުލްޝަން، ދީބާނާޒް ފަހުމީ އަދި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާދޭ ކޮމިޓީން ލަފާއަރުވާފައިވާ ކަމަށެވެ.

އެ ނިންމުމާ އެކު، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީގެ އިއްޔެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަކަށް ވެސް މީގެ ކުރިން ހުންނެވި ދީބާނާޒް ޑިގްރީ ހާސިލްކުރެއްވީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އެއަށްފަހު ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ދީބާނާޒަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައި 17 އަހަރު ދުވަހުގެ ތަޖުރިބާ ލިިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރި ފުރަތަމަ އަންހެން ގާޒީ އެވެ.

ކުއްލިއްޔާއިން ޑިގްރީ ހާސިލްކުރައްވާފައިވާފައިވާ ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ޖޭއެސްސީން ބުނީ ހައި ކޯޓުގެ ބެންޗަށް އައްޔަންކުރަން ނިންމެވި ދެ ބޭފުޅުން ހުވާކުރާނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވަ އެވެ.

ހައި ކޯޓުގެ ބެންޗުން ފަހުން ހުސްވި ދެ މަގާމަކީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުން ހުސްވި ދެ މަގާމެވެ.