ސިންގަޕޫރުގެ ވިސްނުމަކީ ޖީއެސްޓީ ބޮޑުކުރުން ފަސްނުކުރުން
ސިންގަޕޫރުގެ ވިސްނުމަކީ ޖީއެސްޓީ ބޮޑުކުރުން ފަސްނުކުރުން

ސިންގަޕޫރުގައި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ފަސްކޮށްގެން ނުވާނެ ކަމަށް ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޮންގް އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވާ ނަމަ އިތުރު ފިޔަވަޅުތައް އަޅަން ތައްޔާރު ކަމަށެވެ.

ވޮންގް މިހެން ވިދާޅުވީ އަންނަ އަހަރު ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސަރުކާރުން ވިސްނަންތޯ، ގާނޫނު ހަދާ މަޖިލީހުގައި ކުރި ސުވާލަކާ ގުޅިގެންނެވެ.

"ދިގުމުއްދަތުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ވަސީލަތްތައް އަބަދުވެސް ކަށަވަރުކުރަންޖެހޭނެ،" ވޮންގް ވިދާޅުވި އެވެ.

"މި އަހަރުގެ ބަޖެޓްގައި، ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމާ އެކު ކުރިއަށްދާން ޖެހެނީ އެހެންވެ."

ސިންގަޕޫރް ސަރުކާރުން ވަނީ މި އަހަރު މުދަލާއި ހިދުމަތްތަކުގެ އަގު މައްޗަށް ދާނެ ކަމަށް ލަފާކޮށްފަ އެވެ. ޖީއެސްޓީ ބޮޑުކުރުން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވަނީ އެހެންވެ އެވެ.

އަންނަ އަހަރު ޖީއެސްޓީ 7 އިން 8 ޕަސެންޓަށް އަދި 2024 ގައި 9 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

"ޖީއެސްޓީ ބޮޑުކުރުން އިތުރަށް ފަސްކޮށްގެން ނުވާނެ. އެއީ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެ މީހުންނަށް ބޭނުންވާ ކަންކަމާއި ސިއްހީ ހިދުމަތްތަކުގެ ހަަރަދު ހަމަޖެއްސުމަށް ފައިސާ ވަރަށް ބޮޑަށް ބޭނުންވެފައި ވާތީ،" ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާ ވޮންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހިމެނި 6.6 ބިލިއަން ޑޮލަރުގެ "އެޝުއެންސް ޕެކޭޖް" އަކީ، ޖީއެސްޓީގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާނެ ގޮންޖެހުންތައް ކުޑަކޮށްދޭނެ އެއްޗެއް ކަމަށެވެ.

ވޮންގް ވިދާޅުވި ގޮތުގައި ޖީއެސްޓީ ބޮޑުކުރުމުން އެކަމުގެ އަސަރެއް ކުރިއަށް އޮތް ފަސް އަހަރު ތެރޭ ވެސް ވެސް ނުކުރާނެ އެވެ. އަދި އެންމެ ކުޑަކޮށް އާމްދަނީ ލިބޭ އާއިލާތަކަށް މިކަމުގެ އަސަރެއް ކުރަން އަދި 10 އަހަރު ނަގާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޝުއަންސް ޕެކޭޖަކީ އިންފްލޭޝަން ބޮޑުވާނެތީ އެކަމަށް ބަލައިގެން އެކުލަވާލި ޕްލޭނެކެވެ. އަދި ހާލަތަށް އަންނަ ބަދަލާ އެކު އިތުރު ބަދަލުތައް ގެނެސް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސުވާލުތަކަށް ޖަވާބު ދެއްވަމުން ވޮންގް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި އިންފްލޭޝަން މަތިވަމުން ދާނެ ކަމަށާއި އެކަނަށް ހަމަޔަކަށް އެޅޭނީ ދުނިޔޭގެ ބާޒާރުގައި ވެސް އެކަން ހަމަޔަކަށް އެޅިގެން ކަމަށާއި އެއީ އަހަރު ނިމޭ ހިސާބު ކަމަށެވެ.

ސިންގަޕޫރުން ލަފާކުރަނީ އެކި ސެކްޓާތަކުން ކުރިއެރުން ލިބި ކޮވިޑްގެ ކުރިން ހުރި ވަރަށް ކަންކަން ރަނގަޅުވެ ވަޒީފާ ނެތް މީހުންގެ ރޭޓް ވެސް ރަނގަޅުވާނެ ކަމަށެވެ.