06 ޖުލައި 2022 - 18:33

އިންޑިއާގެ އެހީގައި ގދ. ފަރެސްމާތޮޑާގައި ހެދި ހިތްގައިމު "ހެރަހަމަގު ބަގީޗާ" މިއަދު ހުޅުވައިފި އެވެ.

މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބަގީޗާ ހުޅުވައިދެއްވީ އިންޑިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހާވަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އެކަމަކު މި ގުޅުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަމަށާއި ތަފާތު އެކި ލެވެލްގެ މަސައްކަތްތަކުގައި އިންޑިއާއިން ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާވަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުދި އަދި މެދުފަންތީގެ އިތުރުން ބޮޑެތި މަޝްރޫއުތައް އިންޑިއާއިން އަންނަނީ ހިންގަމުންނެވެ. އާއްމުންނަށް ބޮޑު އަސަރުކުރާ 45 މަޝްރޫއެއް ކުރިއަށްގެންދާކަން ސަފީރު ފާހަގަކުރެއްވި އެވެ.

މި ބޮޑު ބަގީޗާގައި ކުޑަކުދިން ކުޅޭނެ ތަނަކާއި ބެޑްމިންޓަން ކުޅުމަށް ހާއްސަ ދަނޑެއްގެ އިތުރުން އައުޓްޑޯ ޖިމަކާއި ހިތްހަމަޖައްސައިލުމަށް އެކި މައިޒާންތައް ހަދާފައިވެ އެވެ. މި ތަނަށް އިތުރު ފުރިހަމަކަމެއް ލިބެނީ މި ސަރަހައްދުގެ ބޮޑު ފެންގަނޑުންނެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއަކީ ނަފްސާނީ މައްސަލަތައް ގިނަ ތަނަކަށް ވުމުން މި ފަދަ ޕާކްތަކުގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކްތަކުގެ ސަބަބުން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އެހީތެރިކަން ލިބިގެންދާނެ އެވެ.
"މި ޕާކަކީ ހަމައެކަނި ބަލާލަން އޮތް ތަނެއް ނޫން. ފޮތް ކިއުމަށާއި ގުޅުންތައް ބަދަހި ކުރުމަށް ވެސް ހިތްގައިމު ޕާކެއް. ވަރަށް މުހިއްމު، މުޖުތަމައުއަށް ބޭނުންވާ ކަމެއް. މިއީ ފެށުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ކަހަލަ ތަންތަނަކީ ސިއްހީ ދާއިރާއަށް ބަލަންޏާ މުހިއްމު ތަންތަން. ފުންކޮށް ނޭވާ ލައި، ހަމަޖެހިލައިގެން އުޅެވޭނެ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ވެސް މި ފަދަ ޕާކްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީ ފެންނަނީ އަޑިންނެވެ. ދެއްކުންތެރި ކަމެއް ނެތި، އާއްމުންނަށް ބޭނުންވާ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ ކަމަށާއި މި ފަދަ ޕާކްތަކަކީ އާއްމުންނަށް ވަރަށް މުހިއްމު ތަންތަންކަމަށް ނަސީމް ވިދާޅުވި އެވެ.
ބަގީޗާ ހެދުމުގެ ކުރިން މި ތަނަކީ ކުރިން މާތޮޑާ އަވަށުގެ ކުނި ގޮނޑެވެ.