07 ޖުލައި 2022 - 06:07

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސީރީޒް ކަމަށްވާ "ސްޓްރޭންޖާ ތިންގްސް 4" ގިނަ ބަޔަކު ބަލައި، އެ ސީޒަން ސްޓްރީމް ކުރި ވަގުތު އެއް ބިލިއަން ގަޑިއިރަށް އަރައިފި އެވެ.
ސްޓްރޭންޖާ ތިންގްސްގެ އާ ސީޒަން ރިލީޒްކޮށްފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މިދިޔަ ޖޫން މަހު 27 ގައި ފުރަތަމަ ބައި ނެރެ ފަހުން، ދެވަނަ ބައި ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނެޓްފްލިކްސް އިން ބުނީ އެ ސީރީޒްގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރުމާ އެކު، މިހާތަނަށް 1.15 ބިލިއަން ގަޑިއިރު ބަލާފައިވާ ކަމަށެވެ. އެއީ މިދިޔަ ހަފުތާ ބަންދުގައި އެކަނި ވެސް އެ ސީޒަނަށް ލިބުނު 340 މިލިއަން ގަޑިއިރުގެ ސްޓްރީމިންއާ އެކުގަ އެވެ.
އެއީ ނެޓްފްލިކްސްގެ ތާރީހުގައި މިހާތަނަށް ވެސް ސީރީޒެއްގެ ސީޒަނަކަށް އެއް ބިލިއަންގެ ސްޓްރީމިން ލިބުނު ދެވަނަ ފަހަރެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ މިދިޔަ އަހަރު ނެރުނު ކޮރިއަން ތުރިލާ ސީރީޒް "ސްކުއިޑް ގޭމްސް" އެވެ. އެއީ 1.65 ބިލިއަން ގަޑިއިރު ބަލައިގެންނެވެ.
ނެޓްފިކްސްގެ އަހަރުގެ އެންމެ ކާމިޔާބު ސީރީޒްތައް ޔަގީންކުރަނީ ސްޓްރީމް ކުރަން ފަށާތާ ފުރަތަމަ 28 ދުވަހުގެ ތެރޭގައި، އެ ބަލާ ގަޑިއިރުގެ އަދަދަށް ބަލައިގެންނެވެ.
ސީޒަން ހަތަރެއްގެ ކާމިޔާބީއާ އެކު މިހާރު އެ ސީރީޒްގެ ކާސްޓުންނާއި ކްރޫއިން ތައްުޔާރުވަމުން އަންނަނީ އެންމެ ފަހު ސީޒަނަށެވެ. އެ ސީޒަން ބެލުންތެރިންނާ ހަމަ އަށް އަންނާނީ 2024 ގަ އެވެ.