07 ޖުލައި 2022 - 11:27

އެސްޓީއޯއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް ވޭރިއެބަލް ރެފްރިޖެރެންޓް ފްލޯ (ވީއާރްއެފް) ސިސްޓަމެއް ހަދިޔާކޮށްފި އެވެ.
ފިނިކުރާ އަދި ހޫނުކުރާ އާލާތްތަކުގައި ބޭނުންކުރާ ވީއާރްއެފް ސިސްޓަމް ބޭނުންކުރާނީ އެމްއައިޓީގެ މެކޭނިކަލް ދަރިވަރުންގެ ތެރެއިން ރެފްރިޖެރޭޝަން އަދި އެއާކޮންޑިޝަނިން ކިޔަވާ ދަރިވަރުންގެ ޕްރެކްޓިކަލް ސެޝަންތަކުގަ އެވެ.
ރެފްރިޖެރޭޝަންގެ ދާއިރާގެ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ އެމްއައިޓީގެ މަސައްކަތުގެ މާހައުލުގައި އަމަލީ ތަޖުރިބާއަށް ދަރިވަރުން ތަމްރީނުކޮށްދިނުމަށްޓަކައި ޕްރެކްޓިކަލް ސެޝަންތައް މުހިންމުކަމަށް އެމްއައިޓީން އެސްޓީއޯ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
މި އެހީއާ އެކު އެމްއައިޓީން ވަނީ އެސްޓީއޯގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކުގައި އެހީތެރިވާނެ ކަމަށް ބުނެފަ އެވެ. އަދި އެސްޓީއޯ ސާވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަމްރީނުތައް ކުރިއަށް ގެންދާނެކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.
އެމްއައިޓީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ ތަމްރީނުތަކުގައި އެސްޓީއޯ އިން ވަމުން އަންނަ އެހީތެރިކަމަށް އެ އިންސްޓިޓިއުޓުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
އެކި މަސައްކަތްތަކަށް ދިވެހިން ތަމްރީނުކޮށް ވަޒީފާތަކަށް ނެރުމުގެ މަގުސަދުގައި 2005 ވަނަ އަހަރުން ފެށިގެން އެމްއައިޓީން އަންނަނީ އެކި ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ.