06 ޖުލައި 2022 - 12:21

މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 4061 ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި ގުޅީފަޅު ހިއްކާ އެ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް މި ސަރުކާރުން ހުޅުވާލީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.
ޕްލޭނިން މިނިސްޓްރީގެ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު މިހާތަނަށް 4،061 ފޯމު ޕޯޓަލުން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 26 ގެ ނިޔަލަށް އޮންނާނެ އެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލިއިރު އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަހައްދުން 5000 ގޯތި ދޫކުރާނެ އެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މާލެއިން ގޯތި ދޫކުރާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓްރީނުވާ މީހުންނަށެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. އެގޮތަށް 4000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ފްލެޓް ދޫކުރާނީ މާލޭ މީހުންގެ އިތުރުން މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށުގެ މީހުންނަށެވެ.