ބޭޒާރު
ބޭޒާރު

(ބުދަދުވަހު ޖެހި ބަޔާ ގުޅޭ)

"ދައްކަން ބޭނުންތަ އެ ވާހަކަ؟" ޖަނާ ސުވާލުކުރިއެވެ. "މަންމަ ހީކުރީ އަހަރެންކަމަށް ދޮގުހެދީ. މަ ބުނިން ނޯ ޗޮއިސްއޭ. މަންމަ ހީކުރާނީ އެއީ މަށަށް ޗޮއިސް ނެތް ވާހަކަ ކަމަށް. އެކަމަކު އޭގެ މާނައަކީ، ޖުމާއަށް ޗޮއިސް ނެތިގެން ކުރި ކަމެކޭ އެއީ."

"ބޭބެ ކީއްވެ ނުބުނީ އަހަރެން ދޮގޭހަދަނީ؟" ޖުމާނާ ހައިރާންވެފައި އެހިއެވެ.

ޖަނާ ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ ހުއްޓެވެ. އެހެންނަމަވެސް، ހިނިތުންވުމަކާ އެކުގައި ބޮޑު ބައި ދޫކޮށްލީއެވެ.

"ބައްޕަ ގަބޫލެއް ނުކުރާނެ،" ދުރަށް ފިކުރު ހިންގަމުން ޖަނާ ބުންޏެވެ. "ކުރިން ގޮތަކަށް އުޅެވުނީތީ މަ މިހިރީ އުމުރަށް ލޭބަލްވެފައި. ބައްޕަ ދެކޭ ގޮތުގައި މީހުން ޗޭންޖެއް ނުވާނެ. އަހަރެން މިހާރު ޑުރަގެއް ނުނަގަމޭ. ފައިޓެއް ވެސް ނުކުރަން. މީހަކަށް ގަބޫލު ނުކުރެވުނަސް، ނަމާދު ވެސް ކުރަން. ކުރެވުނު ކުށްތަކަށް ތައުބާވެއްޖައިން. އާނ މަގޭ ބޯ މިހިރީ ކުރިން ވެސް ހުރި ގޮތަށް. ކުރީގެ ރައްޓެހިން ވެސް އެބަތިބި. ލަހުން ގެއަށް ވެސް އަންނަން. އެކަމަކު ޖަލުން ދިމާވި މީހަކު މަށަށް ވިސްނައިދީފި. މަގޭ ސްޓައިލް ބަދަލުކުރާކަށް މަ ބޭނުމެއް ނޫން. މީހުންނަށް ދައްކަން ތުނބުޅިބަހައްޓާ، ކަށިމައްޗާ ހަމައަށް ޖިންސު އޮޅީމަ އެއަކުން ނުލިބޭނެ ސަވާބެއް. ހިތް ރަނގަޅުކުރަން ޖެހެނީ."

ޖުމާނާއަށް ލިބުނު ހައިރާންކަން ހައްތާ ވީ ބޮޑެވެ. ބޭބެގެ ދުލުން ޖުމާނާއަށް އިވުނީ، ކުރިން ދުވަހަކު ވެސް އިވިފައިވާ ވާހަކަތަކެއް ނޫނެވެ. އެކަކަށް ގަބޫލުނުކުރެވުނަސް ޖުމާނާއަށް ކަށަވަރު ކުރެވުނެވެ. ބޭބެގެ މިޖާޒަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ.

"ދުވާލު މަސައްކަތް މި ކުރަނީ ފިހާރައެއްގައި،" ޖަނާ އިތުރަށް ބުންޏެވެ. "ރޭގަނޑު ފެރީއެއްގައި. އެހެންވެ ލަހުން ގެއަށް އާދެވެނީ. ހަރާން ގޮތުގައި ލާރި ހޯދަން މިހާރު އެއްވެސް އިންޓްރަސްޓެއް ނެތް. އެކަމަކު، ބައްޕަމެންގެ ޓްރަސްޓެއް ނުލިބޭނެ. އެހެންވެ ލިބުނު ޗާންސުގައި ގެއިން ނުކުތީ. މަ މި ހުންނަނީ ޖުމާ އަންނަންދެން. އެނގޭ އަންނާނެކަން."

ޖުމާނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީ ލޮލުން ފޭދުނު ކަރުނައެވެ. ޖުމާނާގެ ހަޔާތުގައި ބޮޑުކަމެއް ހިނގައިފިއެވެ. ޢާއިލާގެ އެއްވެސް މީހަކަށް ނޭނގޭ ކަމެކެވެ. އެތައް ވަގުތެއް ފާއިތުވެގެން ދިޔައިރު ވެސް ޖުމާނާ ވާހަކައެއް ނުދެއްކިއެވެ. ޖަނާ މަޑުމަޑުން އައިސް ޖުމާނާ ގާތުގައި އިށީނދެލިއެވެ. ކުއްލިއަކަށް ޖުމާނާ ބަޑިފަޅައިގެންދިޔައެވެ. އޯގާތެރިކަމާ އެކުގައި ޖުމާނާގެ ބޮލުގައި ޖަނާ ފިރުމައިދިނެވެ.

"ވަރަށް ބޮޑު ކަމެއް ވެއްޖެ!" އެންމެ ފަހުން ޖުމާނާ ވާހަކަދެއްކިއެވެ. "ނުކެރޭނެ ކިޔައިދޭކަށް. ބޭބެ ހިތަށްއަރާނެ...."

"ބޭބެއަށް އެހީވެވޭނީ ޖުމާ އެ ޗާންސް ދިނިއްޔާ،" ޖަނާ ހިތްވަރުދިނެވެ. "ކިހިނެއްވީ؟"

ވަރުބަލިކަމެއް ނެތި ޖަނާ ދިން ހިތްވަރާއި އެހީތެރިކަމުގެ ސަބަބުން ޖުމާނާގެ ހިތް ހުޅުވެން ފެށިއެވެ. ކިޔައިދޭން ފެށިއެވެ. "ޕެންތާއެއްގެ" ވާހަކައެވެ. އެއީ، ޖުމާނާއަށް ވުރެ ފަނަރަ އަހަރު ދޮށި ފިރިހެނެކެވެ. އޭނަގެ އަސްލު ނަމެއް އޭރަކު ޖުމާނާއަކަށް ނޭނގެއެވެ. ފުރަތަމަ ދިމާވީ އެފްބީންނެވެ. ދެން ވައިބާއިންނެވެ. ޕެންތާގެ ބަހުރުވައިގެ އޮއިވަރުގައި ޖުމާނާ ރަނގަޅަށް ހައްޔަރުވިއެވެ. އެ "އޯގާތެރިކަމުގައި" ފޮރުވިފައިވާ ކެހިވެރިކަން ޖުމާނާގެ ލޮލަކު އަޅައެއް ނުގަތެވެ. ޕެންތާގެ އުމުރާއި، ފޮޓޯ އާއި، ހޮބީއަކީ ވެސް އަންހެންކުދިން ޝިކާރަކުރުމަށް ފޭއްސާފައިވާ ތޫނު ތީރުތަކެކެވެ. އެކި ގޮތްގޮތުން ޖުމާނާއަށް ފޮނުވި ހަދިޔާތަކާއި، ރީތި ކާޑުތަކާއި، ތަހުނިޔާތަކަކީ، ފަރުވާތެރިކަމާ އެކު ފަތުރައިފައިވާ މަޅިތަކެކެވެ. ޝައްކު ނުވާ ގޮތަށް، ޝައުޤުވެރިކަން އުފެދޭ ގޮތަށް ގަތައިލައިފައިވާ މަލުގެ ހާރުތަކެކެވެ.

ދެ މީހުން ފުރަތަމަ ބައްދަލުވީ ރަސްފަންނުންނެވެ. ޕެންތާ ފެނުނުއިރު ފޮޓޯ އާއި އޭނާ ވަރަށް ތަފާތެވެ. އެހެންނަމަވެސް، އެ މައްސަލަ ފެންމަތިކުރަން ޖުމާނާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ޕެންތާ ވާހަކަދައްކަން މޮޅީއެވެ. އޭނާ ތައްޔާރުވެގެން އައިލެއް ފުރިހަމައީއެވެ. ޖުމާނާއަށް ކުރި ތަޢުރީފުގެ ލަފުޒުތަކުން ގެތުނު ފަށުވި ފޮތިކޮޅު ޖުމާނާގެ ލޯމަތީގައި އެއްސިފައި ހުރީ ނުމޮހޭހާ ބާރުކޮށެވެ. ޕެންތާގެ އެއްވެސް އުނިކަމެއް ޖުމާނާއަށް ނުފެންނަ ވަރަށެވެ. ޕެންތާގެ ޙަޤީޤަތް ހޯދަން ޖުމާނާ ކުރާ ކޮންމެ ސުވާލެއް، ހުސިޔާރުކަމާ އެކުގައި ޕެންތާ އަނބުރައިލައެވެ.

ބައްދަލުވުންތަކުގެ ދޭތެރެ އަވަސް ވިއެވެ. ޖުމާނާ ހުންނަނީ ޕެންތާގެ ކޯލެއްގެ އިންތިޒާރުގައި ފޯނަށް ބަލަބަލައެވެ. ޕެންތާ ބުނި ގޮތުގައި އޭނައަކީ މުއްސަންޖެކެވެ. ވިޔަފާރިވެރިއެކެވެ. ރިސޯޓުތަކުގައި އޭނާގެ ހިއްސާ އޮވެއެވެ. ރާއްޖެއިން ބޭރުގައި ވެސް އޭނާގެ ފިހާރަތައް ހުރެއެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ޖުމާނާ ގެންދަނީ އަގުހެޔޮ ގެސްޓުހައުސްއެއްގެ ކޮޓަރިއަކަށެވެ. ކޮފީބޯން ދަނީ އަގުހެޔޮ ކެފޭތަކަށެވެ. ހިތުގައި ކިތަންމެ ސުވާލެއް އުފެދުނު ނަމަވެސް، އެ ސުވާލުތަކެއް ޖުމާނާ ނާހައެވެ. ޖަވާބު އެނގޭތީއެވެ. ޕެންތާއަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. ދެއްކުންތެރިކަން ކުޑަ، އޯގާތެރި މީހެކެވެ. ޖުމާނާގެ އަތްމަތި ދަތިވި ދުވަހު ޕެންތާގެ ކޭޝް ކާޑާއި ޕިން ނަންބަރު ދިނެވެ. ޖުމާނާ އޭގެ ބޭނުމެއް ނުކުރެއެވެ. ޕިން ނަންބަރު އެއީ ރަނގަޅު ނަންބަރުތޯ ވެސް ނުބަލައެވެ. ޖުމާނާގެ އިތުބާރު ހޯދުމުގައި ޕެންތާ ކިތަންމެ ހުނަރެއް ބޭނުންކުރިއެވެ.

ރަސްފަންނުން ފެށި ބައްދަލުވުން، ކޮފީޝޮޕުން ގެސްޓުހައުސްއެއްގެ ކޮޓަރިއަކަށް ބަދަލުވިއެވެ. ދެ މީހުން ދެމެދުގައި ދެކެވުނު ވާހަކަތައް މާމުޔަށް ވުރެ ފޮންޏެވެ. ކައިވެނިކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ޕެންތާ ދިނެވެ. ޕާޓީ ބާއްވާނެ ރިސޯޓުގެ ނަން ބުންޏެވެ. ފުރަތަމަ ހަފުތާ ހޭދަކުރާނެ ޤައުމުގެ ނަމާއި، ދަތުރުކުރާނެ މަތިންދާބޯޓުގެ ނަން ވެސް ބުންޏެވެ. ޖުމާނާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. އެ ހިސާބުން ލޯބީގެ ހުޅުގަނޑު ފަޅައިގެންދިޔައެވެ. ހިލޭ ދެ މީހެއްގެ ދެމެދުގައި އޮންނަން ޖެހޭ އިންތައް ފަހަނައަޅައި ދިޔައެވެ. އެ މަންޒަރުތައް ފޮޓޯނެގީ ޖުމާނާ ހުއްދަދީގެންނެވެ. ޕެންތާއަށް ކުރި އިތުބާރު އެންގުމަށްޓަކައެވެ. ލޯބީގެ ރަމްޒެއް ގޮތުގައެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ. ކައިވެނިކުރުމަށްޓަކައި މައިންބަފައިންގެ ރުހުން ހޯދަން ޕެންތާ ދުވަސް ކަނޑައެޅިއެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރުއެވެ. ކޮންމެ ފަހަރަކު ވެސް ދުވަސް ޖެހުމުގެ ކުރިން، ކޮންމެވެސް ކަމެއް ދިމާވެގެން ތާރީޚު ފަސްކުރަން ޕެންތާއަށް މަޖުބޫރުވަނީއެވެ. ދައްކާ އުޒުރު ޖުމާނާއަށް ގަބޫލުކުރެވެއެވެ. އެއްދުވަހަކު އިރު އޮއްސުނު ވަގުތު، ކުއްލިއަކަށް ރިސޯޓަކަށް ދާން ޕެންތާ ދަޢުވަތު ދިނެވެ. ޖުމާނާ އައީ ވަރަށް ނަލަހެދިގެންނެވެ. ޕެންތާ އެ ގޮތަށް އެދުނީމައެވެ. ޖުމާނާ އައިއިރު ޕެންތާ ހުރީ ވަރަށް އާދައިގެ ހެދުމެއްގައެވެ. އެ ފަހަރު ވެސް ޖުމާނާ ސުވާލެއް ނުކުރެއެވެ. ރިސޯޓުގެ ބަދަލުގައި ލޯންޗު ކައިރިކުރީ ސަފާރީއަކަށެވެ. ފަރިތަކޮށް އިނގެރޭސިން ވާހަކަދައްކާ، ކުލަ އަލި، ބިޔަ މީހަކު އޭގައި އިނެވެ. ސަފާރީއަށް ފުރަތަމަ އެރީ ޖުމާނާއެވެ. ޕެންތާއެއް ނާރައެވެ. ލޯންޗު ނައްޓައިލިއެވެ. ޖުމާނާ ފޯނު ކުރިއެވެ. ޕެންތާ ފުރަތަމަ އުޅުނީ ބަހަނާއެއް ދައްކައިގެން ސަލާމަތްވާށެވެ. ކުއްލިއަކަށް އޭނައަށް ކަމެއް ދިމާވީއެވެ. މާ ލަހެއް ނުވެ އޭނާ އަންނާނެއެވެ. އެ ކަހަލަ ކިތަންމެ އުޒުރެއް ދެއްކިއެވެ.

"މަ ބުނީ ޕެންތާ ނައިއްސިއްޔާ ޕޮލިހަށޭ ގުޅާނީ،" ޖުމާނާ އިސްޖަހައިލައިގެން އިނދެ ބުންޏެވެ. "އެ ހިސާބުން ޕެންތާ ރުޅިއައީ. އޭނަ ބުނީ... ސަފާރީގައި އިންނާނޭ ގެސްޓެއް. އޭނާ ބުނާ ގޮތް ހަދާށޭ.. އެހެންނޫނީ.. ފޮޓޯތައް...."

ވާން އުޅެނީ އެހެންކަން މާ ކުރިން ވެސް ޖަނާއަށް ވިސްނުނެވެ.

"ފޮޓޯތައް ދޭށޭ ބުނީމަ ބުނީ އެއް ލައްކަ ރުފިޔާ ދޭށޭ!" ޖަނާ އެ ބައި ފުރިހަމަކޮށްލިއެވެ.

ލޮލުން ފޭދުނު ކަރުނަޔާ އެކުގައި ޖުމާނާ ބޯޖަހައިލިއެވެ. އިތުރު އެއްޗެއް ނުބުނެއެވެ.

"ދެން ތި ކަމެއް ނުނިމޭނެ. އެއް ލައްކަ ދޭއިރަށް އަނެއް ލައްކަ ބޭނުންވާނެ،" ޖަނާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ބޭބެގެ ތިބޭނެ ރައްޓެހިން. ތިޔަ ޕެންތާ ގެއްލުވާލާކަށް އެއްވެސް ކަމެއް ނޫން. އެކަމަކު، ޑިޖިޓަލް ފޮޓޯއަކީ ވިހާ އެއްޗެއް. ކިތަންމެ އިތުބާރު ކުރިޔަސް މީހުންނަށް އެ ކަހަލަ ބާރުތައް ދޭކަށް ނުވާނެ. ދީފިއްޔާ، ކޮންމެވެސް ދުވަހަކުން އެ ބާރުގެ ބޭނުން ކުރާނެ."

"ދެން ކިހިނެއް ހަދާނީ ބޭބޭ؟" ގިސްލެވިފައިވާ އަޑަކުން ޖުމާނާ ބުންޏެވެ. "ފޮޓޯތައް ލީކުވެއްޖެއްޔާ އަމިއްލައަށް މަރުވާނީ."

"އެކަމަކު ފެމެލީ ބަދުނާމުވާ ވަރު ކުޑައެއް ނުވާނެ،" ފުން ނޭވައެއް ބޭރުކޮށްލައިފައި ޖަނާ ބުންޏެވެ. "ހައްތާ ބޮޑުވާނީ. އެއް ފާފައިގެ މައްޗަށް އަނެއް ފާފަ."

"ދެން މަ ކިހިނެއްތަ ހަނދާނީ؟" ގޮތް ހުސްވެފައިވާ ރާގެއްގައި ޖުމާނާ އެހިއެވެ.

"ޕޮލިހަށް އަންގާ،" ޖަނާ ލަފާދިނެވެ. "ބުނޭ ބްލެކްމެއިލް ކުރަނީއޭ. ބޮޑު ވަރަކަށް ފޮޓޯތައް ލީކުތާ ކޮށްލާނީ. ދުޢާކުރޭ އެ ހުރިހާ ކަމަކަށް ފޭސްކުރާނެ ހިތްވަރު ލިބޭތޯ. ބޭބެ މީ ކިހިނެއް އުޅުނު މީހެއް؟ ބަލާ މިހާރު. ހިތްވަރު ލިބިއްޖެއްޔާ ހުރިހާ ކަމެއް ވެސް ކުރެވޭނެ. ނަމާދުކޮށްފައި ދުޢާކުރޭ! އެ ނޫން ގޮތެއް މަށަކަށް ނުފެނޭ."

"އެކަމަކު ފޮޓޯތައް ވައިރަލްވީމަ މަންމަމެން...." ޖުމާނާއަށް ބުނެވުނެވެ.

"ތީ ޖުމާ ކުރިން ވިސްނަން ޖެހޭ ކަމެއް،" ޖަނާ އުޅުނީ އެހެން ނުބުނާށެވެ. "މީހެއް ދެކެ ލޯބިވިޔެކޭ ކިޔާފައި އަމިއްލަ ސެލްފް ވިއްކާލާކަށް ނުޖެހޭނެ ދޯ! ނުކުރަންވާ ކަންތައް ކުރެވުނުއިރު، ކުރަންވާ ކަންތައް ނުކުރަން ތި އުޅެނީ ކީއްވެ؟ ފޭސްކުރޭ! އޭނާ ބުނާ ތަންތާކަށް ޖުމާ ދާނެކަމެއް ނެތް. ލާރި ވެސް ދޭނެކަމެއް ނެތް. ހިނގާ ޕޮލިހަށް. ބޭބެ ވެސް ދާނަމޭ."

މައްސަލަ ރިޕޯޓުކުރުމާ އެކު ޕެންތާ ބަންދުކުރިއެވެ. އޭނާގެ ފުރިހަމަ ނަމަކީ، މޫސާ ރަޝީދެވެ. ޖުމާނާއާ އެކު ނުވަ އަންހެންކުދިން ރަޝީދުގެ ސިކާރައިގައި ޖެހިފައިވެއެވެ. ހުރިހާ އަންހެންކުދިންގެ ބަރަހަނާ ފޮޓޯތަކާއި މަންޒަރުތައް ވެސް އޭނާގެ އަތުގައި ހުއްޓެވެ. މައްސަލަ ހިނގާތާ ފަސް މަސް ފުރެނީއެވެ. އެއްވެސް ފޮޓޯއެއް އަދި ލީކެއް ނުވެއެވެ. ލީކުވިޔަސް ޖުމާނާއަށް ދެން ފަރުވާލެއް ނެތެވެ. ވީ ކަމެއް ނުވާ ކަމަކަށް ނެހެދޭނެއެވެ. ބޭބެ ދެއްކި މަގުން ހިނގަން ފެށުމާ އެކު ޖުމާނާގެ ޢަޒުމް މިއަދު ވަރަށް ވަރުގަދައެވެ. އެ ކަޅު ސަފުހާތަކަކީ ޖުމާނާގެ މާޒީއެވެ. ފަހަތަށް ދޫކޮށްފައިވާ ފިޔަވަޅުތަކެވެ. ޖުމާނާ ބެލީ ކުރިއެވެ. މުސްތަޤުބަލަށެވެ. ޖަނާ އެނބުރި ގެއަކަށް ނާދެއެވެ. އެ ބޮޑު ސިއްރު އަދި ބޭޒާރެއް ނުވެއެވެ. (ނިމުނީ)