ޓެން ހަގް ގެނައި ފުރަތަމަ ކުޅުންތެރިއަކީ ޒުވާން ފުލްބެކް ޓީރެލް މަލަސިއާ
ޓެން ހަގް ގެނައި ފުރަތަމަ ކުޅުންތެރިއަކީ ޒުވާން ފުލްބެކް ޓީރެލް މަލަސިއާ

މެންޗެސްޓާ (ޖުލައި 6) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހަގްއާ އެކު އަންނަ ސީޒަނަށް ތައްޔާރުވާން، ނެދަލެންޑްސްގެ ފެޔެނޫޑަށް ކުޅެމުން އައި އެގައުމުގެ ޒުވާން ފުލްބެކް ޓީރެލް މަލަސިއާގެ ސޮއި ހޯދައިފި އެވެ.

ޓެން ހަގް ގެނައި ފުރަތަމަ ކުޅުންތެރިއަކީ ޒުވާން ފުލްބެކް ޓީރެލް މަލަސިއާ
ޓެން ހަގް ގެނައި ފުރަތަމަ ކުޅުންތެރިއަކީ ޒުވާން ފުލްބެކް ޓީރެލް މަލަސިއާ

އުމުރުން 22 އަހަރުގެ މަލަސިއާ ޔުނައިޓެޑަށް ބަދަލުވީ، ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 15.5 މިލިއަން ޑޮލަރުގެ އަގަކަށެވެ. އަދި އެޑޯންސްގެ ގޮތުގައި އިތުރު ދެ މިލިއަން ޑޮލަރު ވެސް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ހަތަރު އަހަރުދުވަހުގެ ކޮންޓްރެކްޓާ އެކު، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ އިހުތިޔާރު ވެސް ދީފައި ވެއެވެ.

ފެޔެނޫޑް އަށް 136 މެޗު ކުޅެދިން މަލަސިއާ އަކީ ޓެން ހަގް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާ ހަވާލުވެ، އެޓީމަށް އަލަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އޭނާ ދިޔައީ ފްރާންސްގެ ލިޔޯން އަށް ބަދަލުވާން މަޝްވަރާތައް ކުރަމުންނެވެ.

"[ޔުނައިޓެޑާ] ގުޅުުމުން ތަފާތު އިހުސާސެއް ކުރެވެނީ، މިއީ އަހަރެންގެ ކެރިއަރުގައި މުޅިން އާ ބާބެއް، އާ ލީގެއްގައި އާ ކުޅުންތެރިންނާ އެކު ކުޅޭނީ ތަފާތު މޮޅު މެނޭޖަރެއްގެ އިރުޝާދާ އެކު،" ޔުނައިޓެޑަށް ބަދަލުވެވުމުން އުފަލުން ހުރި ޒުވާން ވާތު ބެކް ބުންޏެވެ.

"އެރެޑިވިސީގައި އޭނާގެ [ޓެން ހަގް ގެ] ޓީމުތަކާ ދެކޮޅަށް ކުޅެވިފައި ހުރުމުން އަހަންނަށް އެނގޭ، އޭނާގެ ކިބައިގައި ހުރި ސިފަތަކާއި، އޭނާގެ ކުޅުންތެރިންގެ ކިބައިން އޭނާ ޑިމާންޑްކުރާ ކަންތައްތައް. އަހަރެންނަށް އެނގޭ އަދިވެސް އަހަރެންނަކީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިއެއް ކަން، ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ވައުދުވަން ޓީމުގެ ރަތް ޖޯޒީގައި ކުޅޭއިރު އަބަދުވެސް އަހަރެން ދަނޑުމަތީގައި އެންމެ ރަނގަޅަށް ކުޅޭނެކަން،"

ރިޕޯޓްތައް ގޮތުގައި ޔުނައިޓެޑުން މަލަސިއާގެ ސޮއި ހޯދުން ލަސްވީ، ވޯކް ޕާމިޓް ލިބުމުގައި ގިނަ ދުވަސް ނެގީމަ އެވެ. އަދި ލަފާކުރެވޭ ގޮތުގައި ތައިލެންޑާއި އޮސްޓްރޭލިއާއަށް ޔުނައިޓެޑް ކުރާ ޕްރީ ސީޒަން ދަތުރަށް ފުރާ ޔުނައިޓެޑްގެ ސްކޮޑުގައި އޭނާ ގެންދާނެ އެވެ.

"ޓައިރެލް [މަލަސިއާ] އަކީ އޭނާގެ އުމުރަށް ބަލާއިރު ވަރަށް ރަނގަޅު ތަޖުރިބާ ހުރި ކުޅުންތެރިއެއް. އެރެޑިވިސީ ގައި ފަސް ސީޒަން ހޭދަކޮށް، އޭނާ ވަނީ ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ފައިނަލް ކުޅުމުގެ އިތުރުން ސީނިއާ ގައުމީ ޓީމުގައި ވެސް ކުޅެން ފަށައިފައި،" މަލަސިއާއާ ގުޅޭގޮތުން ޔުނައިޓެޑްގެ ފުޓުބޯޅަ ޑިރެކްޓަރު ޖޯން މާޓަފް ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި އެރިކް ޓެން ހަގް އާއި އޭނާގެ ކޯޗިން ޓީމުގެ އިރުޝާދުގެ ދަށުން އޭނާ [މަލަސިއާ] ކުރިއަރާނެ ކަމަށް އުންމީދު ކުރަން."

މަލަސިއާ ޔުނައިޓެޑަށް ސޮއިކުރިކަން އިއުލާން ކޮށްފައިވަނީ ޑެންމާކްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ޔުނައިޓެޑާ ގުޅެން އެއްބަސް ވެފައި ވާކަމަށް ރިޕޯޓް ކުރިތާ އެންމެ ދުވަހެއް ފަހުންނެވެ. މިދިޔަ ސީޒަނުގެ ފަހު ބައިގައި ކުރު މުއްދަތުގެ އެއްބަސްވުމެއްގައި ބްރެންޓްފޯޑަށް ކުޅުނު އުމުރުން 30 އަހަރުގެ މިޑްފީލްޑަރަށް ޔުނައިޓެޑުން އަންނަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ތައްޔާރު ކުރަމުންނެވެ.