31 ޑިސެމްބަރ 2016 - 20:52

ޅ. ނައިފަރު ރޯ ހައުސްއެއްގައި ރޯވެ މިއަދު ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިރޭ ވިދާޅުވީ އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި، ގެއްލުންވީ އެ ރަށު ހުޅަނގު ފަރާތުގައި ހުރި ރޯ ހައުސްއެއްގައި ކަމަށެވެ. ތިން ކޮޓަރީގެ އެ ގޭގައި ކުޑަކުދިންނާ އެކު އަށް މީހަކު ދިރިއުޅެމުން އައި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެ އެންމެން މިހާރު ވަނީ ނައިފަރުގައި ހުންނަ ދަނާލަށް ބަދަލުކޮށްފަ އެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައި ދިނުމާ ގުޅޭ ގޮތުން ކައުންސިލާއި ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"އަލިފާން ރޯވީ، މަތީ ބުރީގައި ހުންނަ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގައި. އަލިފާން ރޯވި ކޮޓަރީގައި ހުރި ހުރިހާ ސާމާނެއް އަނދައި ހުލިވެފައި. އެ ކޮޓަރީގެ ފާރު ވެސް ވަނީ ވެއްޓިފައި،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯ ހައުސްގެ ކޮޓަރިއެއްގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.