ސައްހަ ނޫން ޓެކްސް ރިޕޯޓް ހުށަހަޅާ މައްސަލަތައް ގިނަވެއްޖެ
ސައްހަ ނޫން ޓެކްސް ރިޕޯޓް ހުށަހަޅާ މައްސަލަތައް ގިނަވެއްޖެ

މީރާއިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓް ބަދަލުކޮށް، ސައްހަނޫން ރިޕޯޓުތައް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން އޭގެ ފައިސާ ދައްކައި، ޓެކްސާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރުމަށް މީރާ އިން ދޫކުރާ ރިޕޯޓެކެވެ.

ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް، ލައިސަންސެއް ނުވަތަ އެ ތަކެތި އާކުރުމާއި ބަދަލުކުރުމަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތް ބަދަލުކުރާ ފަދަ ހާލަތެއްގައި އެ ވިޔަފާރިއަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއް ނެތްކަން ކަށަވަރުކުރުމަށް ޓެކްސް ކްލެއަރެންސް ރިޕޯޓު ބޭނުންވެ އެވެ.

އެ ރިޕޯޓުގެ ސައްހަކަން މީރާގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެ ކަމަށް މީރާއިން ބުންޏެވެ. އަދި މި ދުވަސްވަރަކީ ސައްހަނޫން ޓެކްސް ކްލިއަރެންސް ރިޕޯޓު ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، ރިޕޯޓު ބޭނުންކުރާ އޮފީސްތަކުން އޭގެ ސައްހަކަން ބެލުމަށްފަހު ނޫނީ ބަލައިނުގަތުމަށް މީރާއިން އިލްތިމާސްކުރި އެވެ.

ސައްހަނޫން ރިޕޯޓު ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް މީރާ އިން ވަނީ އެދިފަ އެވެ.