ސަމަންތާގެ ފުރަތަމަ ބޮލީވުޑް ފިލްމު އަޔޫޝްމަންއާ އެކު
ސަމަންތާގެ ފުރަތަމަ ބޮލީވުޑް ފިލްމު އަޔޫޝްމަންއާ އެކު

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ސަމަންތާ ރުތު ޕްރަބޫ، ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމަޒަން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ހިންދީ ސްޕައި ތުރިލާއެއް ކަމަށްވާ "ދަ ފެމިލީމެން 2" އިން ފެނުނު ސަމަންތާ އާންމުންގެ މެދުގައި މަގުބޫލުވީ ޕުޝްޕާގެ "އޯ އަންޓަވާ" ލަވައިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ އަޔޫޝްމަންއާ އެކުގަ އެވެ.

މިހާރު އެ ފިލްމުގެ ޝޫޓިންގެ ޓައިމްލައިން ތައްޔާރުކުރަމުން އަންނަ ކަމަށްވެ އެވެ.

މި އަހަރުގެ ފަހުކޮޅު އެ ފިލްމުގެ ޝޫޓިންތައް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނައިރު، ފިލްމު އެ ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އެ ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.

ސަމަންތާ އިތުރު ހިންދީ ފިލްމަކަށް ވެސް ސޮއިކޮށްފައިވާ ކަމަށްވެ އެވެ. އެއީ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުގައި އަކްޝޭ ކުމާރާ އެކު ފެންނާނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަމަންތާ އާއި އަކްޝޭ ވަނީ ކޮފީ ވިތު ކަރަން ޝޯގައި އެކުގައި ބައިވެރިވެފަ އެވެ.