05 ޖުލައި 2022 - 15:49

އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކުން ގްލެންއީގަލްސް ގްލޯބަލްގެ ހޮސްޕިޓަލްގެ އެހީ ހޯދައި ހޮސްޕިޓަލް ތަރައްގީކުރަން މިއަދު ސޮއިކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަޝިޕާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެ އިތުރުން އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒުތައް ގާއިމްކޮށްފައިވާ ގްލެންއީގަލް ޗެއިންގައި އައިޖީއެމްއެޗަށް ތަފާތު އެކި ދާއިރާތަކުން އޮބްޒާވަޝިޕް ހެދުމުގެ ފުރުސަތު ވެސް ދޭނެ އެވެ. ހާއްސަކޮށް، ގޭސްޓްރޮސައިންސާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އެހީތެރިކަން ދޭނެ އެވެ. އެކަން ކުރިއަށްގެންދާނީ ވޯލްޑިވްސް ކުންފުންޏާ ގުޅިގެންނެވެ.
ބަލި މީހުން ބެލުމާއި ސާޖަރީކުރަން ފެށުމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް އެ އެމްއޯޔޫގެ ދަށުން ހަމަޖެހިގެންދާނެ އެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ހިންގަ އެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދޭ ހޮސްޕިޓަލްތަކެކެވެ.