ޖީއެސްޓީ ބޮޑުވާނެ، އިންފްލޭޝަން ވެސް މައްޗަށް ދާނެ: އަމީރު
ޖީއެސްޓީ ބޮޑުވާނެ، އިންފްލޭޝަން ވެސް މައްޗަށް ދާނެ: އަމީރު

ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އެކަމަކު އޭނާ ވިދާޅުވީ އިންޕްލޭޝަން މައްޗަށް ދާނީ އެއް ޕަސެންޓް ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް، އައިއެމްއެފް އާއި ވޯލްޑް ބޭންކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޓެކްސް އިން ލިބޭ އާމްދަނީގެ ތެރެއަށް ހަ ޕަސެންޓް އިތުރުކުރަން ބޭނުންވާ ކަމަށެވެ.

އަމީރު ވިދާޅުވީ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވެ، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަންނަ އަހަރު ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން ވެސް ތަކެތީގެ އަގަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ހަރަދުތައް ކުޑަ ކޮށްފައި ވެސް އެބަ ޖެހޭ ކަރެކްޓިވް މެޝާސްތައް [ޓެކްސް ބޮޑުކުރަން] ނަގަން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ހަރަދުތައް ހަމަޖައްސަން މިހާރު އަޅަން ނިންމި ފިޔަވަޅުތައް ނާޅައިފި ނަމަ، ސިވިލް ސާވެންޓުންގެ މުސާރަ ކުޑަކުރުން ކަހަލަ އާންމުންނަށް ގެއްލުންވާނެ އެތައް ކަމެއް ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި އަހަރު ނިމޭ އިރު ކޮވިޑް ހާލަތުން އަރައިގަނެވޭނެ ކަމަށާއި، އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު އެހާ އަވަހަށް ރަނގަޅު ކުރެވުނީ ދަރަނި ނަގައިގެން ގައުމުގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދުތައް ވެސް ކުޑަ ކޮށްގެން އަދި އާމްދަނީ ވެސް އިތުރު ކުރަން ފިޔަވަޅުތަކެއް އަޅަން މި ޖެހެނީ. އައިއެމްއެފްގެ ރިކޮމެންޑޭޝަންގައި ވެސް އެބައޮތް ރާއްޖެއާ އެއްކަހަލަ އިގްތިސާދެއް އޮންނަ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ވެސް ކުޑަކަން،" އޭނާ ވިދާޅުވި އެވެ.