05 ޖުލައި 2022 - 13:42

ރަތް ކުލައިގެ ކާރު އެނބުރެމުން އެނބުރެމުން ގޮސް އެމްޓީސީސީގެ ބަހުގައި ޖެހި ފުނޑުފުނޑުވުމަކީ ކޮންމެ ދުވަހެއްގެ ބިރުވެރިކަމުން މަންޒަރެކެވެ. މާލެ އާއި ހުޅުމާލޭގައި މި ބިރުގައި ސިހިސިިހި ތިބެން ޖެހޭ މީހުން މަދެއް ނޫނެވެ.

ހޭވައްޓާލައި ބާރު ސްޕީޑުގައި ދުއްވުން އޮތީ ހައްދުފަހާނަޅައިފަ އެވެ. އަޑުގަދަކޮށް ލަވަ ޖެހުމާއި އޯވަޓޭކް ކުރަމުން ދުއްވާއިރު އެ މަގަކުން ދަތުރުކުރާ އެހެން ވެހިކަލްތަކާއި ހިނގާ މީހުން ތިބެން ޖެހެނީ ބިރުން ފިތްކަނޑައިގެންދާވަރު ވެފަ އެވެ.
އާއްމުންގެ ޝަކުވާއަކީ މި އެވެ؛
ގާނޫނާއި ގަވާއިދު މުގުރާލައި ރޭސް ޖަހާއިރު ފުލުހުން ތިބެނީ ބަލާށެވެ. މި ކަމެއް ނުހުއްޓުވެ އެވެ. އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހަޅާ މީހުންނާ ދޭތެރޭގައި ފިޔަވަޅެއް ވެސް ނޭޅެ އެވެ. އާއްމުންގެ މި ކަންބޮޑުވުންތައް އޮއްސާލީ އިއްޔެގެ އެކްސިޑެންޓުހާ ހިތާމަވެރި ހާދިސާއެއް މިއަދު އަނެއްކާވެސް ހިނގުމުގެ ބިރު އޮތުމުންނެވެ.
ބޮޑުތަކުރުފާނު މަގުގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ޒުވާން އަންހެން ކުއްޖަކު މަރުވީ އެވެ. ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ. މި ހާދިސާގައި ކާރު ދުއްވި ސްޕީޑެއް، އަދި އެކަން ހިނގަން މެދުވެރިވި ގޮތެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.
އެކްސިޑެންޓު ހިނގުމާ އެކު އެއް ބަަޔަކަށް ގޯސްވީ އެމްޓީސީސީގެ ބަހެވެ. އަނެއް ބަޔަކު ބުނީ އެ މަގުން ދުވެފައި ދިޔަ ދެ މީހަކު ފެނިގެން ކާރުގެ ބުރެކި ޖައްސާލުމުން ކަހާލައި އެނބުރެން ފެށީ ކަމަށެވެ. މި ވާހަކައަށް ރައްދު ދިން މީހުން ބުނަނީ ދުވާ މީހުން ފެނުމުގެ މާ ކުރިން ވެސް ކާރު އެނބުރެން ފަށައިފި ކަމަށެވެ.
އެކަމަކު އެކްސިޑެންޓުގެ ކުރިން މާލޭގެ ބައެއް މަގުތަކުގައި ރަތް ކުލައި އެ ކާރު، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ފެނުނު ބައެއް މީހުން ވެސް އެބަތިއްބެވެ. ހުޅުލެ އިން އެއް ބަޔަކަށް ފެނުނު އިރު އަމީނީ މަގުން ފެނުނު މީހުންގެ ކަންބޮޑުވުމަކަށް ވީ އޭރު ވެސް ކާރު ދުއްވި ސްޕީޑެވެ.
ނުރައްކާތެރި ހާދިސާތައް ހިނގަނީ ހަމައެއްލަމައެއް ނެތި ދުއްވާ މީހުން ހިތުހުރި ގޮތަކަށް ދޫކޮށްލާފައި ތިބުމުން ކަމުގެ ނުރުހުންފާޅުކުރި އެވެ.
"ސްޕީޑް ލިމިޓްނުކުރެވޭ. ހައިބީމް ޖައްސައިގެން ދުއްވުން މަނައެއް ނުކުރެވޭ. އެ މީހަކަށް ފަސޭހަ ދިމާއަކުން އޯވަޓޭކް ކުރަންވީ. ޓެކްސީތައް ވެސް ހިތަށް އެރި ތަނަކަށް ހުއްޓާފައި މީހުން އަރުވާފައި ބާލަނީ. މި ރާއްޖޭގައި ކޮންމެ ދިމާއަކަށް ބެއްޔަސް މިފެންނަނީ ފެއިލް ވެފައިވާތަން،" އެކްސިޑެންޓާ ގުޅިގެން "މިހާރު"އަށް ކޮމެންޓް ކުރި މީހަކު ލިއެފައިވެ އެވެ.
ޓުވިޓާގައި ލިއުނު އެކަކު ބުނި ގޮތުގައި ހިތުހުރި ގޮތަކަށް ދުއްވަނީ ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން އޮންނާތީ އެވެ. އޭނާގެ ކަންބޮޑުވުމަކީ ބާރަށް ދުއްވާ ވެހިކަލް ހުއްޓުވައި ކުޑަމިނުން ސުވާލެއް ވެސް ނުކޮށްލުމެވެ.
"މާލޭ ރިންގު ރޯޑުގައި ރޭސްޖެހުމަކީ އާއްމު ކަމެއް. ސްޕޯޓްސް ކާރު ބާރަށް ދުއްވާ. ސައިކަލުގެ ސައިލެންސަރުގެ އަޑު ގަދަކޮށްގެން ވެސް ދުއްވާ. ގޭންގްތަކުން ކުރާ ކަމެއް ވީމަ ފުލުހުން ނުބަލާ. މަގުމަތީ ތިބޭ ފުލުހުން ވެސް ތިބޭނީ ދުރު ބަލަހައްޓައިގެން ނުފެންނަ ކަމަށް ހަދައިގެން،" ހަސަން ތަކުރާރުގެ ނަމުގައި އެކަކު ލިއެފައިވެ އެވެ.
"އާއްމުކޮށް ބާރަށް ދުއްވާ އުޅެނީ މަދު ބައެއް. އެކަމަކު އެބައެއްގެ ނުރައްކާ މުޅި މުޖުތަމައަށް ކުރާއިރު އެކަމާ ކުރެވޭ ކަމެއް ނެތް. ބާރަށް ގޮސް ލައިގަތީމާ ލައިސަންސް ގަނޑު ވެސް އަތު ނުލެވޭ ކުޑަމިނުން. ހުޅުމާލޭގައި ބާރަށް ދުއްވާން ގަޑިތަކެއް ދީފައި ވެސް ވޭ އެ ވެރިންނަށް. ބާރަށް ދުއްވި މީހާއަށް ވުރެ މަށަށް ގޯހީ މި އޮތްހާ ދުވަހު ބާރަށް ދުއްވަން ފުރުސަތު ދީގެން ތިބި މުއައްސަސާތައް ގޯހީ."
ހުޅުމާލޭގައި ރޭސް ޖަހާ މީހުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ހުއްދަ ދެ އެވެ. އެކަމަކު އެ ސަރަހައްދު ދޫކޮށް މުޅި ހުޅުމާލެ ތެރޭގައި އެ މީހުންގެ އުނދަގޫ ޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ. މިކަން މުއައްސަސާތަކަށް ހުށަހެޅިޔަސް ހައްލެއް ނުލިބެ އެވެ.
ޓްރެފިކް ގަވާއިދާ ޚިލާފުވެއްޖެ ނަމަ މިހާރު އެންމެ އާއްމު ފިޔަވަޅަކީ ދުއްވި މީހާގެ ލައިސަންސް ހިފެހެއްޓުމެވެ. މިކަމުން މައްސަލަ ހައްލެއް ނުވާނެ އެވެ.
"މިގޮތަށް ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކޮށް ވެރިފަރާތް ޖޫރިމަނާ ވެސް ކުރަން ވީ. އެވަރުން ނުވަންޏާ އެ ވެހިކަލްތައް ނައްތާލަން ވެސް ވީ. ރާއްޖޭގެ މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރިކަން އޮންނަ ތަނަކަށްވާނެ ގޮތެއް ހޯދަން އެބަޖެހޭ،" ބާރަށް ދުއްވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރި މީހަކު ބުންޏެވެ.