އަދިވެސް ކައުންސިލްތަކަށް 61 އެސްޖީން ބޭނުންވޭ
އަދިވެސް ކައުންސިލްތަކަށް 61 އެސްޖީން ބޭނުންވޭ

ބައެއް ރަށްރަށުގެ ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ނުލިބިގެން އެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ 61 ރަށެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

އެސްޖީގެ މަގާމަށް މީހުން ހޯދަން އެންމެ ފުރަތަމަ އިއުލާންކުރިއިރު 511 ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ގިނަ ރަށްރަށަށް މިހާރު އެސްޖީން ވަނީ ހަމަޖައްސައިފަ އެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާއެކު ސީއެސްސީންނެވެ. އެގޮތުން، އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. އެ މަގާމަށް އައްޔަން ކުރަނީ އޭގެ ފަހުންނެވެ

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.