05 ޖުލައި 2022 - 11:13

އެމްޓީސީސީގެ ބަސްތަކުން ދަތުރު ކުރާ މީހުންނަށް ރައްކާތެރިކަން އެބައޮތް ކަމަށާއި ބަސް ޑްރައިވަރެއްގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައި، ބަޔަކަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި އިއްޔެ ކާރަކުން އެމްޓީސީސީގެ ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމާ އެކު ބަސްތައް ދުއްވަނީ ވަރަށް ބާރަށް، އަދި ނުރައްކާތެރިކޮށް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި އެވެ.

އެކަމަކު އިއްޔެ ހަވީރު ހިނގި އެ އެކްސިޑެންޓާ އެމްޓީސީސީގެ ބަހާ އެއްވެސް ގުޅުމެއް ނެތެވެ. ސީސީޓީވީ ފޫޓޭޖުން ދައްކާ ގޮތުގައި އެ ބަސް ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން ވަރަށް މަޑުންނެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރު އެކްސިޑެންޓުވީ ކޮންޓްރޯލުން ނެއްޓި، އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅަށް އަރައިގެންނެވެ.
އާޒިމް ވިދާޅުވީ ކުރިން އެ ކުންފުނީގެ ބަސްތަކުން ޖެހި ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައި ހުއްޓަސް، އެކަން ރަނގަޅުކުރަން ވަރަށް ގިނަ ފިޔަވަޅުތަކެއް މިހާރު އަޅައި އެ ފިޔަވަޅުތައް ބަރާބަރަށް ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ބަސް ޑްރައިވަރުންނަށް ޓްރެފިކް ގަވާއިދުތައް ދަސްކޮށްދީ ކަސްޓަމާ ސާވިސް ޓްރެއިނިންތައް ވެސް ބާއްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހިންމު އެއް ބަދަލަކީ، އާޒިމް ވިދާޅުވި ގޮތުގައި ބަސް ޑްރައިވަރުން ކުރިން އަށް ގަޑިއިރު މަސައްކަތްކުރަން ޖެހޭ ގޮތަށް އޮތް ގޮތް ބަދަލު ކުރުމެވެ. މިހާރު ކޮންމެ ދުވަހެއްގެ ޑިއުޓީ ފަސް ގަޑިން ފަސް ގަޑިން ބަދަލުވާއިރު ޑިއުޓީ ޝިފްޓްވާ ވަގުތު ހުރިހާ ޑްރައިވަރުންނަށް އެއްކޮށް ބްރީފިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިއުޓީ ބަދަލުވާ ގަޑީގައި ބްރީފިން ދޭނެ. އެ ވަގުުތު އަޅުގަނޑުމެން ޑްރައިވަރުން އެއްކޮށް ނަސޭހަތް ދެމުން މިދަނީ ބާރަށް ނުދުއްވުމަށާއި ތަނަކަށް ދާން ގަޑި ޖެހުނަސް ބާރަށް ނުދުއްވުމަށް. އެ އޮންނަ ސްޕީޑަށް ވުރެ ބާރަށް ނުދުއްވުމަށް އަޅުގަނޑުމެން ތަކުރާރުކޮށް ނަސޭހަތް ދެން ކޮންމެ ދުވަހަކު ވެސް."
އޭނާ ވިދާޅުވީ ބަސްތައް ދުއްވަމުންދާ ގޮތް ރެންޑަމްކޮށް ބަލައި ޗެކްކުރަމުންދާ ކަމަށާއި އެހާ ވަރަށް ބަލަމުންދާއިރު އޮޕަރޭޓަރެއްގެ އަތުން ކަމެއް ދިމާނުވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"އަލަށް ނަގާ މުވައްޒަފުންނަށް 30 ދުވަހުގެ ޓްރެއިނިން ދެމުން މި އަންނަނީ. ކަމެއް ވެއްޖިއްޔާ އަމަލުކުރާނެ ގޮތާއި ޓްރެފިކް ފުލުހުންނާ ގުޅިގެން ޑްރައިވަރުންނަށް ޕްރޮގްރާމު ހިންގަން. ބަސް އޮޕަރޭޝަނާއި ހެވީ އޮޕަރޭޝަންތަކުގެ ޓްރެއިނިން ދެން."
މާލޭ ސަރަހައްދުގައި ދުއްވުމަށް އެމްޓީސީސީން 50 ބަސް ބޭނުންކުރަމުން އަންނައިރު އެ އެއްޗެހި ދުއްވުމަށް 150 އަށް ވުރެ ގިނަ ޑްރައިވަރުން އެ ކުންފުނީގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބަސްތަކުގެ ތެރެއިން 80 ޕަސެންޓް ބަސް މި ވަގުތު ބޭނުންކުރަނީ. މިހާ ގިނަ މުވައްޒަފުން ނަގައިގެން ވެސް އަޅުގަނޑުމެން މި އުޅެނީ ނިދި ޖެހި ކަމެއް ވެގެން ވެސް އެކަހަލަ ހާދިސާއެއް ދިމާވެދާނެތީ އެކަމަށް ސަމާލުކަން ދޭން."
އެމްޓީސީސީގެ ބަހެއް ބާރަށް ދުއްވާ ނަމަ، އެކަން ރިޕޯޓް ކުރުމަށް 1650 ނަންބަރު ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
"ކޮންމެ ބަހެއްގެ ފަހަތުގައި އެމްޓީސީސީގެ މީހަކު ނުހުރެދާނެ. އެކަމަކު ބާރަށް ދުއްވާ ނަމަ، ނުވަތަ ގަވާއިދާ ހިލާފަށް ދުއްވާ ކަމަށް ފާހަގަކުރެވޭ ނަމަ އެ ނަމްބަރަށް ގުޅައިގެން ރިޕޯޓްކުރެވޭނެ. އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އާންމުންގެ ވެސް އެހީގައި،" އޭނާ ވިދާޅުވި އެވެ.