ސިފައިން ބަލިކޮށް ސިޓީ ގައުމީ މުބާރާތުގެ ފައިނަލަށް
ސިފައިން ބަލިކޮށް ސިޓީ ގައުމީ މުބާރާތުގެ ފައިނަލަށް

ވޮލީބޯޅަ ގައުމީ މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް ސްޕޯޓްސް ކްލަބް ސިޓީ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ސިފައިން ބަލިކޮށް ސިޓީ ގައުމީ މުބާރާތުގެ ފައިނަލަށް
ސިފައިން ބަލިކޮށް ސިޓީ ގައުމީ މުބާރާތުގެ ފައިނަލަށް

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސިފައިންގެ ޓީމަށް ގިނަ ގޯސްތަކެއް ހެދުނު މި މެޗުގެ ސެޓްތައް ސިޓީ ގެންދިޔައީ 25-21، 25-18 އަދި 25-11 އިންނެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ވެސް ކާމިޔާބު ކޮށްފައިވާ ސިޓީ، މި ސީޒަނުގައި ސިފައިންނާ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އަދި މި ސީޒަނުގައި އެ ޓީމު މިހާތަނަށް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގައި ކްލަބް ވެމްކޯ އަތުންނެވެ.

ގައުމީ މުބާރާތަށް ޓީމު ވަރުގަދަ ކުރަން ސިޓީ ވަނީ، ގުޑީސް ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ އާމިރު (ދިގު އައްޔަ) އާއި ހުސެއިން ވިޝާމް (ބުޅިކެ) އަދި ހަސަން ނިލާމް (ޕާޓޭ) ގެނެސްފަ އެވެ. މީގެ ތެރޭން ދިގު އައްޔަ ވަނީ ރޭގެ މެޗުގެ ފަހު ސެޓުގައި ކުޅެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮޗުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ހަރްދީޕް ސިންގް އެވެ.

ސިފައިން ބަލިވިޔަސް، އަދިވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އެޓީމަކަށް ނުގެއްލެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ގައުމީ ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅޭ ޓީމެއް ފައިނަލް ވާނީ މިރޭ ކުޅޭ ތިންވަނަ ސެމީއަށް ފަހު އެވެ.

ތިންވަނަ ސެމީގައި ސިފަން ނުކުންނާނީ، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީ ކާމިޔާބުކުރި ޕޮލިސް ކުލަބާ ދެކޮޅަށެވެ.

ޕޮލިހުން ވަނީ ކްލަބް ވެމްކޯއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު މި ސީޒަނުގައި ކުޅެމުން އަންނަ ޕޮލިސް ކުލަބުން، ތަޖުރިބާކާރު ގިނަ ކުޅުންތެރިން ހިމެނޭ ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

ޕޮލިހުން ވެމްކޯ ބަލިކުރީ 25-19، 25-21 އަދި 25-20 އިން ސެޓްތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮނުވީ އަނޫ ޖޭމްސް އެވެ.

މިއާ އެކު މި ސީޒަނުގައި އަލަށް ފިރިހެން ވޮލީބޯޅައަށް ނުކުތް ވެމްކޯ އަށް ވަނީ ސީޒަން ނިމިފަ އެވެ. އެޓީމު ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ކުޅެފަ އެވެ.

ގައުމީ މުބާރާތުގެ ތިން ވަނަ ސެމީގައި ޕޮލިހާއި ސިފައިން ބައްދަލުކުރާ މެޗު އޮތީ މިރޭ 9 ޖަހާއިރެވެ.