31 ޑިސެމްބަރ 2016 - 17:04

ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 31) - ގްރީކް ސަފީރުގެ މަރުގެ ތުހުމަތާ ގުޅިގެން އޭނާގެ ހުވަފަތް އަނބިމީހާ އާއި ފުލުހުންގެ އޮފިސަރަކާއި އިތުރު މީހަކު ބްރެޒިލް ފުލުހުން ހައްޔަރުކޮށްފި އެވެ.

ބްރެޒިލުގައި ހުންނަ ގްރީކް ސަފީރު ކިރިއަކޮސް އަމިރިޑްސް ޗުއްޓީގައި ރިއޯ ޑި ޖެނީރޯގެ އުތުރުގެ ހިސާބަކަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ގެއްލިފަ އެވެ. އޭނާގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނިފައި ވަނީ އަލިފާން ރޯކޮށްލާފައިވާ ކާރެއްގެ ޑިކީ ތެރޭންނެވެ.

ފުލުހުން މިހާރު ތުހުމަތު ކުރަނީ އަމިރިޑިސް، 59، ގެ މަރާ އޭނާގެ ހުވަފަތް އަނބިމީހާ ބްރެޒިލްގެ ފްރެންކޮއިސް ޑި ސޫޒާ އޮލިވެއިރާ އަދި ފުލުހުންގެ އޮފިސަރެއް ކަމަށްވާ ސާގިއޯ ގޯމޭޒް މޮރެއިރާއާ ގުޅުމެއްވާ ކަމަށެވެ. ސަބަބަކީ ޑި ސޫޒާ އާއި ގޯމޭޒް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާ އަރާފައިވާތީ އެވެ. ސަފީރުގެ މަރުގެ ތުހުމަތުގައި ދެން ހައްޔަރުކޮފައި ވަނީ ގޯމޭޒުގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ އެޑްއާޑޯ މޮރެއިރާ ޑި މެލޯ އެވެ.

ފުލުހުން ބުނީ ސަފީރު މަރާލަން އޭނާގެ ހުވަފަތް އަނބިމީހާ އެންގި ކަމަށް ތަހުގީގު ކުރާ ފަރާތްތަކަށް ގަބޫލް ކުރެވޭ ކަމަށެވެ. އެކަމަކު ރަސްމީކޮށް އެކަން އަދި ސާބިތުވެފައެއް ނުވެ އެވެ.
ފުލުހުންނާ ހަވާލާދީ ބްރެޒިލްގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަފީރު ޗުއްޓީ ހޭދަކުރަމުންދިޔަ އޭނާގެ އެޕާޓްމަންޓުގައި އޭނާ މަރާލީ ފުލުހުންގެ އޮފިސަރު ގޯމޭޒް އާއި އޭނާގެ ތިމާގެ މީހާ މޮރެއިރާ ޑި މެލޯ އެވެ. އަދި ކާޕެޓު ގަނޑަކަށް ލާ އޮޅާލުމަށް ފަހު ކުއްޔަށް ހިފާފައިވާ ކާރަކަށް ލީ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. މީގެ އިތުރުން ފުލުހުންގެ އޮފިސަރު ގޯމޭޒް ވަނީ ސަފީރު މަރާލަން އެހީވީތީ އޭނާގެ ދެބެންގެ ދެދަރި މޮރެއިރޯ ޑި މެލޯ އަށް 24،500 ޑޮލަރު ދީފައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ސަފީރުގެ އަންހެނުން ޑި ސޫޒާ ފުލުހުންނަށް ބުނެފައި ވަނީ ކުއްޔަށް ނެގި ކާރެއްގައި ހޯމަ ދުވަހު ހަވީރު ސަފީރު އަމިރިޑިސް ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށެވެ. އެކަމަކު ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ސަފީރު އުޅުނު ގޭގެ ސޯފާ އިން ލޭގެ އަސަރު ފެނިފައިވާ ކަމަށެވެ.
ބްރެޒިލްގެ ސަފީރުގެ މަގާމަށް އަމިރިޑިސް މިދިޔަ ޖެނުއަރީ މަހު ހަމަޖެއްސި ފަހުން އޭނާ އުޅުއްވަނީ ވެރިރަށް ބްރެސީލިއާގަ އެވެ. އެކަމަކު 2001- 2004 އަށް ކޮންސުލް-ޖެނެރަލްގެ މަގާމު އަދާކުރެއްވި އިރު ރިއޯގައި ހުންނަ ގެއަށް ވަރަށް ގިނައިން ޗުއްޓީ އަށް ވަޑައިގަންނަވަ އެވެ. އަމިރިޑިސް އާއި ޑި ސޫޒާ ކައިވެނިކޮށްގެން އުޅޭތާ 15 އަހަރު ވެއްޖެ ކަމަށާއި އެ ދެމަފިރިންގެ 10 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ކަމަަށް ބްރެޒިލްގެ ޓީވީ ސްޓޭޝަނަކުން ބުނެފައިވެ އެވެ.