04 ޖުލައި 2022 - 18:54

އާންމުވެފައިވާ ވީޑިއޯ އަށް ބަލާއިރު ބަސް އަދި ބަހުގައި ޖެހުނު ރަތްކުލައިގެ ކާރު ވެސް ދަތުރުކުރީ މަގުގެ ރަނގަޅު ލޭނުން. އެކަމަކު، ރަތްކުލައިގެ އެ ކާރުގައި އެހެން ކާރެއް ޖެހުމުން ކޮންޓްރޯލުން ނެއްޓި ގޮސް ބަހުގެ ކުރީކޮޅުގައި ކާރުން ޖެހުނީކަން ވީޑިއޯ އިން އެނގޭ. ރަތްކުލައިގެ ކާރުގައި އެހެން ކާރަކުން ޖެހުމުން އެ ކާރު ގޮސް ބަހުގައި ޖެހުނީ "އެނބުރެމުން، އެނބުރެމުން" ކަހަލަ ގޮތަކަށް.

އަނިޔާވި މީހުންގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަނިޔާވި މީހުންގެ ތެރެއިން އެކަކު އަދި ހެއެއް ނާރާ. އެކްސިޑެންޓުގައި އަންހެނަކު މަރުވެފައިވާއިރު، އެހެން އަންހެނަކު ވަނީ ސާޖަރީއަކަށް ވައްދާފައި. އެހެން އަންހެނަކު ސީޓީ ސްކޭން ހަދަނީ. މިހާތަނަށް ބަލާއިރު ބޮޑެތި ޒަހަމްތައް ވެފައި ވަނީ ކާރުގައި ތިބި އަންހެނުންނަށް. މަރުވީ ވެސް ކާރުގައި އިން އަންހެނެއް.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ބަސް ޑްރައިވަރާއި ބަހުގައި ތިބި ދެ އެހީތެރިންނަށް ފަރުވާދެނީ އޭޑީކޭގައި. އެ މީހުންގެ ހާލު ސީރިއަސްއެއް ނޫން.
އެކްސިޑެންޓުގައި މަރުވި އަންހެންމީހާއާ ގުޅޭ މައުލޫމާތެއް އަދި ނުލިބޭ.
މިހާތަނަށް ލިބުނު މައުލޫމާތުތަކާ ހަވާލާދީ ފުލުހުން ބުނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކުވެނި ދަނޑު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހުގައި ޖެހުމުން ކަމަށް.
ފުލުހުން ދެންމެ ބުނީ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވި ކަމަށް. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި ދެ ފިރިހެނުން.
މި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކަށް ފަރުވާދެނިކޮށް މަރުވެއްޖެ.
މާލޭގެ އެކުވެނި ޓްރެކް ސަރަހައްދުން ބޭރު މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މީގެ އިރުކޮޅެއް ކުރިން ހިނގައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ، އެ ހަތަރު މީހުންނަށް އިމަޖެންސީ ރޫމުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ތަފުސީލެއް އަދި ނުދެއްވަ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، އެކްސިޑެންޓްވި ކާރުގައި ތާށިވި މީހުން އެ ކާރުން ނެރެ، ސަލާމަތްކުރީ ފަޔާ ސާވިސްގެ ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ.
"އެ މީހުން ވަނީ ފަރުވާ ދިނުމަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް މިހާރު ގެންގޮސްފައި،" އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ވެ އެވެ.
މިރޭ އިރުއޮއްސުނުހާއިރު ހިނގި އެ އެކްސިޑެންޓުގައި ޑަބަލް ޑެކާ ބަހާއި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޓީސީސީގެ ބަހުގެ ޖެހިފައި ވަނީ ރަތް ކުލައިގެ ޕްރައިވެޓް ކާރެކެވެ. ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު އެ ޖެހުނު ބާރުގައި ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފަ އެވެ. އަދި ބިއްލޫރިގަނޑު އޮތީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދަށް އެއްވި މީހުންގެ އެހީގަ އެވެ.
އެކްސިޑެންޓަށް ފަހު އެމްޓީސީސީން މިހާރު ވަނީ ވެސްޓް ޕާކް ސަހަރައްދުގެ ބަސް ރޫޓް ކާނިވާ ސަރަހައްދަށް ޑައިވާޓް ކޮށްފަ އެވެ. އަދި ވެސްޓް ޕާކް ސަރަހައްދުން ފަށާ ބަސް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.