05 ޖުލައި 2022 - 06:58

ބޮލީވުޑްގެ ކުރީގެ ބަތަލާ، ސަނާ ޚާން އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔަދު، ހައްޖުގެ މަތިވެރިކަން އަޅުކަން އަދާކުރުމަށް މައްކާ އަށް ފުރައިފި އެވެ.

މައްކާ އަށް ފުރުމުގެ ކުރިން ސަނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި، ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރުމަށް، އެ މާތް ބިމަށް ދިއުމަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
"މާތްﷲގެ ރަހުމަތްފުޅު. މިވަގުތު ކުރެވޭ އިހުސާސްތައް ބަޔާންކުރަން ވެސް ނޭނގޭ،" ސަނާ ބުންޏެވެ.
ފިލްމު ކުޅުން ހުއްޓާލައި ސަނާ، އަނަސްއާ ކައިވެނިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ފިލްމު ކުޅުން ހުއްޓާލުމަށް ފަހު އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. މިހާރު ބުރުގާ އަޅާފައި ހުންނަ ސަނާ ލައި އުޅެނީ ވެސް ގަޔަށް ދޫ އަބާޔާ އެވެ.
ކައިވެނީގެ ފަހުން އޭނާ ވަނީ ތިން ފަހަރެއްގެ މަތިން އުމްރާގެ އަޅުކަން ވެސް އާދަކޮށްފަ އެވެ.
ސަނާ ވަނީ "ޖޭ ހޯ" އާއި "ވަޖާ ތުމް ހޯ" އަދި މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" އިން ފެނިފަ އެވެ.